މި ސަރުކާރު ބަދަލު ކުރަން ޖޯޝާއި ފޯރީގައި ނުކުމެ ތިބި ބަޔަކު އެއްވެސް ކެމްޕެއިނަކުން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ހިތާދޫ އަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މީގެ ކުރިން އޮތް ސަރުކާރު ބަދަލު ކުރަން ނުވަތަ ވައްޓާލަން ޖޯޝާއި ފޯރީގައި ރައްޔިތުން ނުކުތް ކަމަށާއި މިސަރުކާރު ބަދަލުކުރަން އެހާ ޖޯޝާއި ފޯރީގައި ބަޔަކު ނުކުމެ އުޅޭތަން ނުފެންނަ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި، އެކުވެގެން އަބަދުވެސް އެންމެން ނުކުންނަނީ އެ އިރަކު އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. މިި ފަހަރު އެ މަންޒަރެއް ނުފެންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
"ބައެއްފަހަރު އަޅުގަނޑުމެން ކުރާ ދަތުރުތަކުން މާ ފޯރިއެއް ނެތް، މާ ޖޯޝު ނެތް ކެމްޕެއިނެއްގެ ގޮތުގައި އެބަ ފެނިގެންދޭ. ފަހަރެއްގައި އެ ވެދާނެ ކުރިއާ ހިލާފަށް މިހާރު މި އޮތް ސަރުކާރު، ކުރީގައި ވިއްޔާ އަބަދު ވެސް ނުކުންނަނީ އެ އިރެއްގައި އޮންނަ ސަރުކާރެއް ބަދަލުކުރަން، ވަރަށް ޖޯޝާއި ފޯރިއާ އެކު އެންމެން އެކުވެގެން. އެކަމަކު އެ ރޫހެއް މިއަދަކު ނުފެނޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ފޯރި އާއި ޖޯޝެއް ނެތް ކަމުގައި ވިޔަސް ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީ އަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުމެންގެ މި މަސައްކަތަށް ދުލެއް ދޭކަށް އަޅުގަނޑުމެންނަށް ނުފެނޭ. އަޅުގަނޑުމެންގެ ކެމްޕެއިން ހަމަ ޖޯޝާއެކީގައި ކުރިއަށްގެންދޭ." ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ