އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކޮށްފައިވާ ހުކުމާއި، އަދި މިހާރު ކުރިއަށްދާ ޝަރީއަތުގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން މިހާތަނަށްވެސް ސިއްރުކޮށް، ލިޔުންތައް ފޯރުކޮށް ނުދީ ކުރިއަށް ގެންދަނީ ވަރަށް ނާއިންސާފުން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެމްއެމްޕީއާރުސީ މައްސަލާގައި ހުކުމްކުރި މައްސަލާގައިވެސް ޝަރީއަތަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން އެދުމުން އެ ލިޔެކިޔުން ފޯރުކޮށްދީފައި ނުވާކަމަށެވެ.
އެމައްސަލާގައި ހުކުމްކޮށްފައިވަނީވެސް ލިޔެކިޔުންތަކަށް އެދި އެތައްފަހަރަކު ދަންނަވާފައިވަނިކޮށް، އެލިޔެކިޔުންތައް ފޯރުކޮށް ނުދީ ވަރަށް ނާއިންސާފުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ޝަރީއަތް ފަށާފައިވާ މައްސަލާގައިވެސް ދައުލަތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުންތަކާއި، ވީޑިއޯ ޑޮކިއުމަންޓްތައް ހޯދުމަށް އެދިފައިވާނެކަމަށެވެ. އެތަކެތި ނުލިބި މައްސަލާގައި ކުރިއަށް ދިއުމަކީ ވަރަށް ދަތި ކަމެއްކަމަށެވެ. ރައީސް ޔާމީންގެ މިވާހަތަކާއި ގުޅިގެން މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހުމަދު ޝަކީލް ވަނީ މި މައްސަލާގައި، މައްސަލަ ރައްދުވާ ފަރާތަށާއި، ދިފާއީ ވަކީލުންނަށް މާދަމާ ލިޔެކިތުންތައް ފޯރުކޮށްދިނުމަށް ދައުލަތުގައި ދަންނަވާފައެވެ. އަދި މިމައްސަލާގައި ދިފާއީ ވަކީލުން ފާހަގަކޮށްފައިވާ ވަގުތު ދިނުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ޤާޒީ ވަނީ ނިންމާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކަނޑައެޅިފައިވާ ދުވަހު ލޯންޗެއް ހަމަނުޖެހިގެން ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތެއް ނުވުމާއި، އަދި ބައްދަލުވެ، މައްސަލާގައި މަޝްވަރާކުރެވޭ ވަގުތު ކުޑަވުމަކީވެސް މިކަމުގައި އޮތް ކަންބޮޑުވުމެއްކަމަށެވެ. މިމައްސަލާގައި ދައުލަތުން ވިދާޅުވީ އެކަށީގެންވާ ވަގުތު ދިފާއީ ވަކީލުންނަށް ދެއްވާކަމަށެވެ. އަދި ދިފައީ ވަކީލުން އެދިފައިވާ ބައެއް ލިޔެކިޔުންތަކަކީ ދައުލަތުން ސިއްރު ކުރަންޖެހޭ ލިޔެކިޔުންތަކަކަށް ވުމުން އެލިޔެ ކިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔެ ކިޔުޖންތަކެއް ފޯރުކޮށް ދީފައިވާނެކަމަށެވެ.
މިވާހަކަތާކާއި ގުޅިގެން މައްސަލަ ބައްލަވާ ޤާޒީ ވަނީ ދައުލަތުން ސިއްރުކޮށްފައިވާ ލިޔެކިޔުމެއްނަމަ ޤާނޫނީ ގޮތުން ލިބިދީފައިވާ އުސޫލުތަކުގެ ތެރެއިން ދިފާއީ ވަކީލުންނަށް އެލިޔެކިޔުން ހޯދުމަށް ވަގުތު ދެއްވާފައެވެ. މިއަދު ގެ ޝަރީއަތް ނިންމަލުމަށްފަހު ދެން މިމައްސަލާގައި އަޑުއެހުމެއް ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައިކަމަށް ޤާޒީ ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ