އިންސާފު ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިންސާފު ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 05:33
0

އިންޞާފު ލިބުން ލަސްވާތީއާއި، ނާއިންސާފުން މީހުންނަށް ދެމުންދާ އަނިޔާއާއި، މަރާލާފައިވާ މީހުންނަށާއި، ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދުމަށް އެދި މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށް ލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މިމައްސަލާގައި ބުނެފައިވަނީ ޢަދުލުއިންޞާފު ޤާއިމުކުރުމަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި، ޢަދުލުއިންޞާފު ޤާއިމުކޮށް، ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ދީމިޤްރާތީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމަށެވެ.

"Justice delayed is justice denied" (އިންޞާފު ލަސްވުމަކީ އިންޞާފު ނުލިބުން) ކަމުގައި ގިނަ މުފައްކިރުން ދެކޭތީއާއިއެކު، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންޞާފު ލިބުން ލަސްވުމާއި، އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ނުޙައްޤު އަނިޔާތައް ލިބުމާއި އަދި އެމަނިކުފާނުގެ ޙައްޤުތައް ގެއްލެމުންދާތީ އިންސާފު ހޯދުމަށް ދައުލަތުގެ ކިބައިންވަނީ މި މައްސަލާގައި އެދިފައެވެ.

އަދި އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒްގެ މުޙައްމަދު އަނަސް އާއި އަފްރާޝީމް ޢަލީ އާއި ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ރިޝްވާން ޢަބްދުﷲ ގެ މަރުގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް އިންޞާފު ނުލިބި ލަސްވަމުންދާތީއާއި، އަދި އިންޞާފު ލިބޭނެކަމުގެ ޔަޤީންކަމެއް ވެސް ނެތި، އެތައް ޢާއިލާތަކެއް މާޔޫސްވެ، އުއްމީދު ގެއްލި، އަދި އެ ޢާއިލާތަކުގެ ޙައްޤުތައް ގެއްލެމުންދާތީވެ، އިންޞާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދީ، ރާއްޖޭގެ ތަޙުޤީޤު ކުރުމާއި ޝަރުއީ ނިޒާމުގެތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންޞާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންޞާފު ޤާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް މިމައްސަލާގައި ގޮވާލާފައިވެއެވެ.

މިމައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލަިއ ގަތުމަށް ވޯޓު ދެއްވީ 16 މެމްބަރުންނެވެ. އަދުލު އިންސާފު ޤާއިމްކުރުމަކީ މިސަރުކާރުން ވެފައިވާ ވައުދަކަށް ވެފައިވާއިރު، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގެ މިސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.