ނިޖަރގެ ބަޢާވާތުގެ ލީޑަރުން ހުށަހަޅަނީ މަދަނީ ވެރިކަމަކަށް ދާން 3 އަހަރު

ނިޖަރގެ ބަޢާވާތުގެ ލީޑަރުން ހުށަހަޅަނީ މަދަނީ ވެރިކަމަކަށް ދާން 3 އަހަރު

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ ނިޖަރއަށް ގެނެސްފައިވާ އަސްކަރީ ބަޢާވާތް ނިމުމަކަށް ގެނެސް، އެގައުމުގައި މަދަނީ ވެރިކަމެއް ގާއިމް ކުރުމަށް، 3 އަހަރުގެ މުއްދަތެއް، ނިޖަރގެ އަސްކަރީ ވެރިން ހުށަހަޅައިފިއެވެ.

ނިޖަރއަށް ބަޢާވާތެއް ގެނެސް އެގައުމުގެ ރައީސްއާއި އޭނާގެ އާއިލާ އަސްކަރިއްޔާއިން ގޭގައި ބަންދު ކުރުމާއި ގުޅިގެން، އެފްރިކާގެ ގައުމުތައް އެކުލެވޭ އެކޯވާސް (ECOWAS) ޖަމިއްޔާއިން ބާރުގެ ބޭނުން ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް، އެޖަމިއްޔާގެ ފަރާތުން ނިޖަރއަށް ދިޔަ ވަފުދާއި ބައްދަލު ކުރެއްވުމަށްފަހު ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ބަޢާވާތުގެ ލީޑަރު އަބުދުއްރަހުމާން ޗިއާނީ ވިދާޅުވީ އެގައުމަށް އަސްކަރީ ހަމަލާ ދޭފަރާތްތަކުން އެމީހުންނަށް އެގައުމުގެ ޕާކުތަކުގައި "ބިރަކާ ނުލާ ހިނގާލެވިދާނެ" ކަމަށް ހީކޮށްގެން ނުވާނެ ކަމުގައެވެ.

ބަޢާވާތުން މަދަނީ ވެރިކަމަކަށް ދިއުމަށް ޖެނެރަލް ޗިއާނީ 3 އަހަރުގެ މުއްދަތެއް ދިން ނަމަވެސް، ވެރިކަމުގެ ބާރުތައް މަދަނީ ސަރުކާރަކާއި ހަވާލުކުރުމަށް އޭނާ ވަކި ޚާއްސަ ޕްލޭނެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ، މިހާރު ވެރިކަން ކުރަމުންދާ އަސްކަރީ ކައުންސިލް އިސްވެ ކުރިޔަށް ގެންދާ މަޝްވަރާތަކަށްފަހު، ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި މަދަނީ ވެރިކަމަށް ރުޖޫޢުވާނެ މައިގަޑު އަސާސްތައް އެކަށައެޅޭނެ ކަމުގައެވެ.

"ނޭޝަނަލް ކައުންސިލްވެސް، އަދި ނިޖަރގެ ރައްޔިތުންވެސް ހަނގުރާމައެއް ބޭނުމެއް ނޫން. ބޭނުމީ މަޝްވަރާ ކުރުން،" ނިޖަރއަށް މިހާރު ޒިޔާރަތް ކުރަމުންދާ އެކޯވާސް (ECOWAS) ޖަމިއްޔާގެ ވަފުދާއި ބައްދަލު ކުރުމަށްފަހު ނިޖަރގެ ކެޕިޓަލް ނިއާމޭގައި ވާހަކަ ދައްކަވަމުން ޗިއާނީ ވިދާޅުވިއެވެ.

ފާއިތުވި ޖުލައިމަހު ނިޖަރއަށް ގެނައި ބަޢާވާތަށްފަހު އެކޯވާސް (ECOWAS) ޖަމިއްޔާއިން ވަނީ ނިޖަރއާއި ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އަޅާފައެވެ. އަދި އެޖަމިއްޔާއިން މިހާރު ދަނީ ބާރުގެ ބޭނުން ކޮށްގެން ބަޢާވާތް ރޫޅާލުމަށް ތައްޔާރު ވަމުންނެވެ. އެކޯވާސް (ECOWAS) އިން ބުނެފައިވަނީ އެޖަމިއްޔާގެ 15 މެމްބަރު ގައުމުގެ ތެރެއިން 11 ގައުމަކުން، އެ ޖަމިއްޔާއިން ތައްޔާރު ކުރަމުންދާ ލަޝްކަރަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށާއި، ނިޖަރއަށް އަސްކަރީ ހަމަލާ ދޭން ފަށާނެ ދުވަސްވެސް މިހާރު ނިންމާފައުވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *