އަރިއުތުރު ސްވިމިންގ ޕްރޮގްރާމްގެ ނަމުގައި ސްވިމިންގ ޕްރޮގްރާމެއް އއ. އަތޮޅުގައި ފަށައިފިއެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އއ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހާމިދާ އަބްދުލް އަލީމެވެ. އެ ރަސްމިއްޔާތުގައި އއ. އަތޮޅު ކައުންސިލްގެ ރައީސް އަދި އުކުޅަހު ކައުންސިލް ރައީސްގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވިއެވެ.
އެ ޕްރޮގްރާމަކީ އެ އަތޮޅުގައި ދިރިއުޅޭ ހަތް އަހަރުން މަތީގެ ހުރިހާ ކުދިންނަކީ ފަތަން ދަންނަ ކުދިންނަށް ހެދުމާއި މޫދުގައި އުޅޭއިރުއާއި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރާނެގޮތް ކުދިންނަށް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، އެ އަތޮޅުގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ގަރލް ގައިޑުންގެ ތެރެއިން ބެޖު ނުލިބިތިބި ދަރިވަރުންނަށް ބެޖު ހޯދައިދިނުމަށް އެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކުރާނެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވައްސަށް ބަހާލައިގެން، ކޮންމެ ރަށެއްގައިވެސް ރަށު ކައުންސިލާ ގުޅިގެންނެވެ. ޕްރޮގްރާމްގެ އިންސްޓްރަކްޓަރަކީ 2018 ވަނަ އަހަރު ކުޅިވަރުގެ ރޮނގުން ގައުމީ އިނާމު ހާސިލުކޮށްފައިވާ ނައުފަލް މޫސާއެވެ
އއ. އަތޮޅު ޕޮލިހާއި އެ އަތޮޅު ކައުންސިލްތައް ގުޅިގެން މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފެށި އެ ސްވިމިންގ ޕްރޮގްރާމަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ