އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫން ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.
އައްޑޫސިޓީން 1000 ގޯތި ދިނުމަށް މިއަހަރު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. މި ގޯތިތަކަށް ޖުމްލަ 4160 ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 3972 ފަރާތެއް ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ މިއެންމެންނަށް ގޯތި ދޭން ނިންމާފައެވެ.
މިއާއެކު %95 މީހުންނަށް ގޯތި ލިބޭކަން ޔަޤީން ވެފައިވާއިރު، ބާކީ ޝަރުތު ހަމަނުވާ 188 ފަރާތައްވެސް އިތުރު ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މައުލޫމާތު ފުރިހަމަ ނުވާ ނުވަތަ އެހެން ކަމެއްގެ ސަބަބުން މައްސަލަ ޖެހިފައިވާ ފޯމުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ބަލައިތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވާ އާދީއްތަ ދުވަހުން ފެށިގެން، 27 ވާ އާދީއްތަ ދުވަހުގެ މެނދުރު 12:00 އާއި ހަމައަށެވެ. ޝަކުވާ ފޯމު އައްޑޫސިޓީ ކައުންސިލުގެ ވެބްސައިޓުން ލިބޭނެއެވެ.
އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، ފޯމުގައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ނުކުރެވޭ ފަރާތެއް ނަމަ، ފޯމު ހުށަހެޅިއިރު ވެފައިވާ އިޤުރާރާއި އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. އެގޮތުން މައުލޫމާތު ސައްޙަތޯ ބެލުމަށް އަވަށު އޮފީސްތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫއިން ޖުމްލަ 1000 ގޯއްޗަށް ހުޅުވާލިއިރު، ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، އަދި ހުޅޫދޫ އަދި މީދޫއިން ކުރެ ކޮންމެ އަވަށަކުން 100 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މީދު އާއި ހުޅުދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.
އަދި ކޮންމެ އަވަށަކުން އެ އަވަށް ނޫން އެހެން އަވަށްތަކުގެ މީހުންނަށް ވެސް ގޯތިތަކެއް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ފޭދު އާއި މީދޫ އަދި ހުޅުދޫން މިއިން ކޮންމެ އަވަށަކުން އެ އަވަށް ނޫން އަވަށްތަކުގެ މީހުންނަށް 10 ގޯތި ހާއްސަކޮށްފައިވެ އެވެ. ހިތަދޫން 50 ގޯތި އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަކޮށްފައިވެ އެވެ.
މި 1000 ގޯތީގެ އިތުރުން ޝަރުތު ހަމަވާ އެހެން އެންމެންނަށް ގޯތި ދޭން ނިންމާފައިވާއިރު، މިވަގުތު ހިތަދޫން ގޯތި ދޭން ނިންމާފައިވަނީ ހިތަދޫ އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫގެ ހިއްކި ބިމުން ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް ގޯތި ދޭއިރު، ހުޅުދޫ މީދޫން ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.