ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތާކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ގިރާވަރު ހިއްކަމުން ދާއިރު, މިހާރު ވަނީ 20 ހެކްޓަރުގެ ބިން ހިއްކިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ބިންވެރިޔާގެ ނަމުގައި ހިންގާ މަޝްރޫއު މުޅިން ފުރިހަމަ ވާނީ މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން ކަމަށެވެ.
ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ގޯތި ކަނޑާ ބިންތައް ހަވާލުކުރަން ފަށާފައެވެ. މީގެ ތެރެއިނން ގިރާވަރު ފަޅުން ގޯތި ލިބޭ މީހުންނަށް ލިބުނު ގޯތިތައް އަދި ނުހިއްކާ އޮތް ތަނެއްގައެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް މާލެ ސަރަހައްދުގެ ހިކިފަސް ތަނަކުން ގޯތި ދޭންޖެހޭކަމަށެވެ.
ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތާކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ. ގިރާވަރުފަޅު ހިއްކާ ވާހަކައަކީ އަދި މާބޮޑު ޕްލޭނެއް ނެތް ދުރުވާހަކައެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ގޯއްޗަށް ހުޅުވާލުމުން 23000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. އޭގެތެރެއިން 19639 މީހުން ޝަރުތު ހަމަވެ ގޯތި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން 18955 މީހުންނަށް މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޝަރުޠު ހަމަވާ މީހުންގެ ތެރެއިން މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
ކޮމެންޓު ފޮނުވާ