އެމެރިކާގެ ލީގްސް ކަޕްގެ ފައިނަލުން މެސީގެ އިންޓަ މިއާމީ ޖާގަ ހޯދައިފިއެވެ.
ފައިނަލުން އިންޓަ މިއާމީ ޖާގަ ހޯދީ ފިލަޑެލްފިއާ 4-1 އިން ބަލިކޮށްގެންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒްއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އިންޓަ މިއާމީ އަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. އެއީ ފިލަޑެލްފިއާގެ ގޯލާ 30 ޔާޑު ދުރުން މެސީ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މިއާމީ އަށް ބަދަލުވި މެސީ އެ ކުލަބަށް ކުޅެދިން ހަ ވަނަ މެޗެވެ. 6 މެޗުގައި ވެސް އޭނާ ލަނޑު ޖަހާފައިވާއިރު، މިހާތަނަށް މެސީ ވަނީ މިއާމީގައި 9 ލަނޑު ޖަހައިފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މިއާމީގެ ތިން ވަނަ ލަނޑު ޑިފެންޑަރު ޖޯޑީ އަލްބާ ޖެހީ އިތުރު ވަގުތުގައެވެ. މިއީ ބާސެލޯނާ ދޫކޮށް މިއާމީ އަށް ބަދަލުވި ޖޯޑީ އަލްބާ އެ ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިހާތަނަށް އޭނާ ވަނީ އެ ކުލަބަށް ތިން މެޗެއް ކުޅެދީފަ އެވެ. ދެ ވަނަ ހާފުގައި ފިލަޑެލްފިއާ އިން ވަނީ ލަނޑެއް ޖަހައިފައެވެ. އެއީ 73 ވަނަ މިނެޓުގައި އަލެހާންޑްރޯ ބެޑޯޔާ ޖަހައިދިން ލަނޑެކެވެ. މެޗުގައި މިއާމީގެ ހަތަރު ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ޑޭވިޑް ރުއިޒްއެވެ.
ލީގްސް ކަޕްގެ ފައިނަލުން ޖާގަ ހޯދުމާއެކު، މިއާމީ އަށް ވަނީ އަންނަ އަހަރު އޮންނަ ކޮންކާކަފް ޗެމްޕިއަންސް ކަޕުން ވެސް ޖާގަ ލިބިފައެވެ.