އެމްޑީޕީގެ އަސާސްތައް ދޫކޮށްލާފައިވާ ކަމަށްބުނެ އިބްރާ އެމްޑީޕީން ވަކިވެއްޖެ

އެމްޑީޕީގެ އަސާސްތައް ދޫކޮށްލާފައިވާ ކަމަށްބުނެ އިބްރާ އެމްޑީޕީން ވަކިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2023 11:05
0

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެމްޑީޕީން ވަކިވެއްޖެއެވެ.

އިބުރާ، އޭނާގެ ކޮއްކޮ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީ އާއި 2018 ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ.

އިބްރާ ވިދާޅުވީ މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބުގެ އޮފީހުގެ ސެކްޝަނަކަށް އެމްޑީޕީން ބަދަލުކޮށްފައިވާ ކަމަށާއި، ހައިކޯޓު ހިންގަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ޤާނޫނުގެ އިމުގެ ބޭރުން ރައްޔިތުންގެ މިނިވަންކަމާއި ހައްޤުތައް ހިފަހައްޓަމުންދާއިރު، އެކަންކަން ދިފާއުކުރައްވަނީ ބަންޑާރަނައިބު ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ޕާޓީ އުފެއްދި އެންމެހައި އަސާސްތައް ދޫކޮށްލައި، ޕާޓީއަކީ ވެރިކަމާއި، ވެރިކަމުގެ ބާރު ހޯދާން އޮތް ވަސީލަތަކަށް ހަދައި ނިމުނު އިރު، ޕާޓީގެ އިސް ސަފުގައި، ބަސްކިޔާ ގޮތް ނިންމާން މިތިބީ، ޕާޓީ އުފެއްދިޔަ ނުދޭށާއި، ޕާޓީގެ ދުންފުނި ހަރުގެ ފުނޑުކޮށްލައި، އެކަން ދިފާއުކުރި މީހުނެވެ. މަޖިލިސް ތެރޭގައި، ޕާޓީގެ ނަމުގައި ހުރިހައި ބާރުވެރިކަމެއް މި ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެންތިބި، އޭރުގެ ޑީއާރްޕީގެ މެންބަރުންނެވެ.

– އިބްރާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު މިއަދު ހިނގަމުން ދަނީ އެގޮތްކަކާއި އެބޭފުޅުން ދެކޮޅު ހަދައި ޖިސްމު ގުރުބާންކުރާން ނުކުތް ގޮތްތަކަށެވެ. އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހިކަމުގައި ދެކިގެން ހުޝާމަދު ކުރާ މުނާފިގުންނަށް ކަންކަން ފަހިކުރުމާއި ހެޔޮނިޔަތުގައި ކަމެއް ރަނގަޅުކުރާން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިބުރާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދާކަށް ނޫނެވެ. އޭނާ ޕާޓީއެއްގައި ބައިވެރިވީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.

އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޟަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދަވާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.