ސިޔާސީ ކަންތައްތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް: ރައީސް

ސިޔާސީ ކަންތައްތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް: ރައީސް

Author
އަހުމަދު
12 އޮގަސްޓް 2023 11:39
0

ސިޔާސީ ކަންކަމުގައި ދެން އަރައިވަޑައިގަންނަވާނެ އިތުރު ހަރުފަތެއް ނެތް ކަމަށާއި ސިޔާސީ މަގްސަދެއްގައި ހާސިލް ކުރައްވަން ބޭނުންވާ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނ. މާޅެންދޫގައި ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާޅެންދު އަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެމަނިކުފާނު ސިޔާސީ މަގްސަދެއްގައި ކުރައްވާނެ ކަމެއް ދެން ނޯންނާނެ ކަމަށެވެ. އެމަނިކުފާނުގެ މަގްސަދަކަށް ވާނީ ފަށާފައި ހުރި ހުރިހާ މަސައްކަތެއް ނިންމައި ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ނޫން އެއްވެސް މަގްސަދެއް އަޅުގަނޑުގެ ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ކަންކަމުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ދެން ބޭނުންވާނެ އެއްވެސް ކަމެއް ނެތް،"

ރައީސް ވިދާޅުވީ އަންނަ ދައުރު ނިމޭއިރު، ރާއްޖެ ފެންނާނީ "އެހެން ގޮތަކަށް" ކަމަށާއި ރާއްޖެ ފެންނާނީ "މާ އުފާވެރިކޮށް" ކަމަށެވެ. ރައްޔިތުންނަށް ފެނިގެންދާނީ ރާއްޖެ ތަރައްގީވެފައި އޮތް ތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއާ ގުޅިފައި ތިބި އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި މި މަގްސަދު ހާސިލް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރު މާޅެންދު އަށް ވެވަޑައިގެންނެވި ވައުދުތައް އިއުލާން ކުރައްވައިފައެވެ.

މާޅެންދު އަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

– ވޮލީ ކޯޓު އެޅުން.
– ރައްޔިތުން ބޭނުންވާ ގޮތަށް އިތުރު ބަނދަރެއް ހެދުން.
– މަގު ހެދުން.
– ފެން ހިންދާ ނިޒާމު ގާއިމު ކުރުން.
– ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށް ލެބޯޓްރީގެ ހިދުމަތް ދިނުން.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.