ދާންދޫގައި ރައީސްގެ އިވެންޓް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހުރީ ކައުންސިލްގެ ޕީޕީއެމް ރައީސް

ދާންދޫގައި ރައީސްގެ އިވެންޓް ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހުރީ ކައުންސިލްގެ ޕީޕީއެމް ރައީސް

ގއ. ދާންދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން އިވެންޓް ތައްޔާރު ކުރުމުގައި އެ ރަށު ކައުންސިލްގެ ޕީޕީއެމް ރައީސް މުހައްމަދު އާސިފް ބައިވެރިވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީން އެކަން ފާހަގަކޮށްފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ތިން ވަނަ މަންޒިލަކަށް ވަޑައިގަތީ ދާންދޫއަށެވެ.

ދާންދޫގައި ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރައީސްގެ ކެމްޕެއިން ދަތުރުގެ މުޅި އިވެންޓް ތައްޔާރު ކުރުމުގައި އޭނާއާ އެކީގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އާސިފް ކަމަށެވެ. އެހެންވެ، އާސިފްއަށާއި އޭނާގެ ޓީމަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ސިޔާސީ ބޮޑު ހަލަބޮލިކަމެއް އޮތް ދުވަސްވަރެއްގައި އާސިފްގެ ފަރާތުން އެ ފެނުނު ކަމަކީ ދިވެހި ހުރިހާ ރައްޔިތުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ދާންދު އަށް ވަޑައިގެންނެވި ގަޑިއަކީ ވަރަށް ބޯކޮށް އެ ރަށަށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެކަމަކު، ގިނަ މީހުން ކުޑަ ނަގައިގެން އަދި އަނެއް ބަޔަކު ކޯޓުލައިގެން ރައީސަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. ނިލަންދޫ ބައެއް ރައްޔިތުން ވާރޭއާ ތެމިގެން ވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *