ރައީސް ސޯލިހް މިއަދު ގއ. ދާންދޫގައި. --- ފޮޓޯ: އެމްޑީޕީ

ބޯ ވާރޭގައި ވެސް ދާންދޫން ފެނުނީ ރައީސަށް އޮތް ތާއީދާއި ލޯބި!

ބޯ ވާރޭގައި ވެސް ދާންދޫން ފެނުނީ ރައީސަށް އޮތް ތާއީދާއި ލޯބި!

ގއ. ދާންދު އަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު ވެސް އެ ރަށު ރައްޔިތުން ނުކުމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ގއ. އަތޮޅުތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ގއ. ދެއްވަދޫ އާއި ގއ. ކަނޑުހުޅުދޫ އާއި ގއ. ގެމަނަފުއްޓަށް ވަޑައިގެންފައެވެ. މިއަދު އެމަނިކުފާނު މިހާތަނަށް އައިއިރު ވަނީ ގއ. ކޮނޑޭ އާއި ގއ. ނިލަންދޫ އަދި ގއ. ދާންދޫ އަށް ވަޑައިގެންފައެވެ.

ދާންދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވިއެވެ. އެ ވަގުތަކީ އެ ރަށަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެހެންވެ، ގިނަ ބަޔަކު ތިބީ ކުޑަ ހިފައިގެންނެވެ. އަދި އަނެއް ބަޔަކު ކޯޓުލައިގެން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް އިރު، ތެމިގެން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް ގިނަ ބަޔަކު ވެސް ތިބިއެވެ.

ދާންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެހާ ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތީ ސަރުކާރުން ކުރި މަސައްކަތް ބަލައިގަތުމުން ކަމަށެވެ. ދާންދޫން އެމްޑީޕީ އަށް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވޭތުވެދިޔަ 2018 ވަނަ އަހަރު ވެސް މި ރަށުގެ ނަތީޖާ ވަރަށް ސާފު. %60 އަށް ވުރެ މަތީ އަޣުލަބިއްޔަތަކުން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުނު. މިއަދު މި ފެންނަނީ އެއަށް ވުރެ ރަނގަޅަށް އޮތް ތަން. އިރާދަކުރެއްވިއްޔާ އެ ކާމިޔާބީ ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ހިއްކި ބިމުގައި ރޯ ހައުސް ނުވަތަ ފްލެޓް އަޅުއްވައި ދެއްވާނެ ކަމަށެވެ. ސިއްހީ މަރުކަޒުގައި އިތުރު ވަސީލަތްތައް ފޯރުކޮށްދީ، ދާންދޫގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދާންދޫގައި އެތުލެޓިކްސް ސްޓޭޑިއަމެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ވާހަކަ ދައްކައިގެން ރަށުގައި ބޭންކްގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދާންދޫގައި މިހާރު ވެސް ބީއެމްއެލްގެ އޭޓީއެމްއެއް ހުރެއެވެ.

ގއ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގއ. ކޮލަމާފުއްޓަށެވެ. އޭގެ ފަހުގައި ގއ. މާމެންދޫ އަށް ވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ ފަހު މަންޒިލަކީ ގއ. ވިލިނގިއްޔެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ދެން ނުޖެހި އޮތް މަލާމާތް ވެސް ތި ޖެހުނީ ޔާމީނު ކުޅުދުއްފުށީ އެެެއާޕޯޓް ހުޅުވި ދުވަހު ކީއެއްޗިހި

Leave a Reply

Your email address will not be published. Required fields are marked *