ރާއްޖޭގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ފިލްމް "ޖޯކަރު" އަންނަ މަހުގެ 5 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާލައިފި އެވެ.
މި ފިލްމްގެ ފުރަތަމަ ޓީޒާ ވެސް މިހާރު ދައްކައިލައިފައިވާ އިރުގައި މީ ކޮމެޑީ އެކެވެ. އަދި ޓިޒާ އިން ފިލްމް ވަރަށް މަޖާވާނެ ކަމުގެ ކުލަވަރު ފެނެއެވެ. މީ ސިނަމާއަށް ދާ އެންމެން ހެއްވާލާނެ ފިލްމްއެއް ކަމަށް ގަބޫލު ކުރެވެއެވެ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާފައި އޮތް މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނާނެ ހަ ވަނަ ފިލްމެވެ.
"ޖޯކަރު" އަކީ ޔޫއްޕެއާ ގުޅިގެން "ދައުވަތު" އާއި "ނޯޓީ 40″ އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި މިދިޔަ މެއި މަހު އޮލިމްޕަހުގައި އެޅުވި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ކޮމެޑީގެ ކާސްޓްގައި ތަޖުރިބާކާރުން ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލާއި އަހުމަދު ސައީދުގެ އިތުރުން އަލީ އާޒިމް ދޮން (އައްޔަ) އާއި ނާޝިދާ މުހައްމަދާއި އިބްރާހީމް ރަޝީދު (ބްރޯ) އާއި ހަމްދާމް ފާރޫގާއި އަހުމަދު ރިފްޝާނާއި ޝަހީދާ އަހުމަދާއި މޫސާ އަލީފް ހިމެނެ އެވެ.