ދެވަނަ ދައުރެއްގައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދޭނަން: ރައީސް

ދެވަނަ ދައުރެއްގައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދޭނަން: ރައީސް

Author
އަހުމަދު
10 އޮގަސްޓް 2023 11:44
0

މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމިއްޔާތަކަށް މާލީ އެހީ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ނިލަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މުޖުތަމައު ބާރުވެރި ކުރުވުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެބައޮތް ކަމަށާއި ވަކިން ހާއްސަކޮށް އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ހެދި އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ތެރެއިން ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީ ދިނުން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގެ ތެރެއިން ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުން ހިމަނާފައި ވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ މަދަނީ ޖަމިއްޔާތައް ހަރަކާތްތެރިވުމާ އެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކޮށް ދިނުމަށެވެ. ފެހިކަން ބޮޑު ހިޔާ ލިބޭ ސަރަހައްދުތަކަށް އެކި އުމުރުފުރާގެ މީހުން އައިސް ހިތްފަސޭހަ ޖައްވެއްގައި އުފަލުގައި އުޅުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނިލަންދޫގައި ކުރިއަށް އޮތް ފަސް އަހަރު ކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނެނީ މަގުތަކުގައި ތާރު އެޅުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކޮށް ބަނދަރު ބޮޑުކޮށް، ފުޓްބޯޅަ ދަނޑެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.