އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ދެއްވާ ވޯޓު ގެއްލިގެން ނުދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ކޮނޑޭ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ކޮނޑޭގެ ރައްޔިތުންގެ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށެވެ. އަދި ތިއިން ކޮންމެ ރައްޔިތަކު ލާ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދިއުން އެއީ ތިޔަބޭފުޅުންގެ ނިންމުމާ ގުޅިފައި އޮތް ކަމެއް." ރައީސް ވިދާޅުވިއެވެ.
ކޮނޑޭގެ ރައްޔިތުން ހަމަގައިމު ވެސް މި ސަރުކާރަށް ތާއީދުކޮށް ބަލައިގަންނާނެ ކަމަށާއި އެހެންވެ، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ނުކުމެ، އެމްޑީޕީއަށާއި ގުޅިފައިވާ ޕާޓީތަކަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރަށުގެ ގިނަ އަސާސީ ހިދުމަތްތަކެއް ނިމި، މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. ކޮނޑޭއަކީ ބޮޑު، ރީތި އަދި ތަރައްގީ ކުރެވޭނެ ރަށަކަށްވާ އިރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮނޑޭ އަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:
– ބަނދަރު ބޮޑުކޮށް، ފަސޭހަ އިން ލަފާފުރޭ ގޮތް ހެދުން
– ރަށުގައި ހައުސިން ޔުނިޓްތަކެއް އެޅުން
– ރަށުގައި ފުޓްބޯޅަ ދަނޑެއް އެޅުން
ރައީސްގެ ވާހަކަފުޅުގައި ވަނީ ރަށުން ގޯތި ދިނުމަށް ހުޅުވާލި އިރު، ރާއްޖޭގެ އެންމެންނަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އޮތުމުން އެކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ރަށުގެ މުސްތަގްބަލާ މެދުގައި ނިންމި ވަރަށް މުހިންމު ނިންމުމެކެވެ.
ކޮމެންޓު ފޮނުވާ