އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ގޮތަކުން ހަމަނުޖެހުމުގެ ތެރެއަށް ރާއްޖެ ހިނގައިދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކަނޑުހުޅުދޫ އަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ކުރުމަށްޓަކައި ގޮތްތަކެއް ނިންމަން އޮތް ފުރުސަތެއް ކަމަށެވެ. އެއް މަސް ފަހުން ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އިންތިހާބުގައި ތިޔަބޭފުޅުން ނިންމާ ގޮތެއްގެ ސަބަބުން ރައްޔިތުން މި ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ނުދެވި، އަނެއްކާ ވެސް އެނބުރި ހަމަނުޖެހުމާއި ހަލަބޮލިކަމުގެ ތެރެއަށް މި ރާއްޖެ ހިނގައިދާނެ،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ރައްޔިތުން ވިސްނުންތެރިކަމާ އެކުގައި ނުކުމެ ކެންޑިޑޭޓު ނަންބަރު ތިނަކަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ކެންޑިޑޭޓު ނަންބަރު ތިނެއް އެއީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓު ނަންބަރެވެ.
"އިރާދަކުރެއްވިއްޔާ ދިވެހިންނަށް ހޯދައި ދޭން މަސައްކަތް ކުރާ އުފާވެރި އަމާން ރާއްޖެ ހޯދައި ދިނުމުގައި އަޅުގަނޑުމެން ކުރިއަށް ދާނަން،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ