ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ގއ. ދެއްވަދޫގެ ބިން ހިއްކައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށް ދިނުމަށް ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ދެއްވަދޫ އަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި އެ ރަށަށް ކޮށްދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ.
އެގޮތުން އައިސް ޕްލާންޓެއް ގާއިމް ކުރުމާ އެކު، ކުރު މުއްދަތަކަށް މަސް ރައްކާ ކުރެވޭ ގޮތަށް ސެންޓަރެއް ހަދައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލަކާއި ކައުންސިލް އިދާރާގެ އާ އިމާރާތަކާއި ރައްޔިތުންނަށް ބޭނުންވެފައި ހުރި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ބިން ހިއްކުމާއެކު މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފަސް އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރަކީ ސިޔާސީ ހިޔާލު ތަފާތުވުމަކީ ރާއްޖޭގެ ތަރައްގީ އަށް އޮތް ހުރަހަކަށް ނުހައްދަވާނެ ކަމަށެވެ. ވަކި ރަށެއް، ނުވަތަ ވަކި ރައްޔިތެއް ތަފާތު ނުކޮށް އެމީހަކު ދިރިއުޅޭ ތަނެއްގައި ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް އާއިލާއާއެކު ދިރިއުޅެވޭނެ ގޮތް ތަނަވަސްވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ