ރައީސް ސޯލިހް ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަަވަނީ. --- ފޮޓޯ: އެމްޑީޕީ

މިފްކޯ ފައިދާވާ ކުންފުންޏަކަށް ހަދައި ރައްޔިތުންނަށް ހިއްސާ ވިއްކާނަން: ރައީސް

މިފްކޯ ފައިދާވާ ކުންފުންޏަކަށް ހަދައި ރައްޔިތުންނަށް ހިއްސާ ވިއްކާނަން: ރައީސް

ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، މިފްކޯ ފައިދާވާ ކުންފުންޏަކަށް ހަދައި ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގދ. ފަރެސްމާތޮޑާގައި ވިދާޅުވެއްޖެއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފައިވުމުގެ ސަބަބުން ކުރަން ޖެހުނު ކަންކަން ވަރަށް ގިނަ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު، އެ މައްސަލަތައް މަސްވެރިންގެ ފަރާތުން އައީ "ބޮނޑިވަރެއްގެ" ސިފައިގައި ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަން ޖެހިވަޑައިގެންނެވި އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފްކޯގެ ދަރަނި ފައިދާއަށް ބަދަލުކޮށް އަމިއްލަ ފަރުދުންނަށް ހިއްސާ ވިއްކުމަކީ މި ސަރުކާރުގެ ޕްލޭނެކެވެ.

"މިފްކޯ ރަނގަޅު ޝެއާ ވިއްކަން ޕްރައިވެޓް ސެކްޓާއަށް. އަޅުގަނޑުމެންގެ ވިސްނުމަކީ އެއީ. ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު އޭގެ ހިއްސާ ރައްޔިތުންނަށް ވިއްކުން. އިރާދަކުރެއްވިއްޔާ އެ ޕްލޭނާ އެކީގައި އަޅުގަނޑުމެން ކުރިއަށް ގެންދަނީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ގއ. ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި، ޅ. ފެލިވަރު ކޭނިން ފެކްޓްރީއަށް ގެންނަ ބަދަލާއި ގދ. ތިނަދޫ އާއި އައްޑޫ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ޑަބަލް ކުރުން އަދި މަސް ގަންނަ އިތުރު ބޯޓެއް ގެނައުމަކީ އެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެނެވޭ ބަދަލާ އެކު، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ. އަދި ޓޫރިޒަމާއި އެއްވަރު ނުވި ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ބޮޑު ސިނާއަތަކަށް ބަދަލުވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *