ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ނުނިމި ލަަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން މިއަދު ހައިކޯޓަށް ވަޑައިގެންފިއެވެ.
ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލާއި ދަރިކަލުން ޒެއިންއާއި ޕީއެންސީގެ ނައިބު ރައީސުންކަމަށްވާ މުޙައްމަދު ސަޢީދާއި އިބްރާހިމް ޝުޖާއުއާއި އާދަމް ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމާއި މެންބަރު އަޙްމަދު ޠާރިޤާއި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންމޭޓް މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) ހުންނެވި ނަމަވެސް މުޢިއްޒާއި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ކޯޓަށް ވަޑައެއްނުގަންނަވައެވެ.
ވ.އާރަށުގެ މައްސަލާގައި ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގ ގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން އެ މައްސަލަ އޮތީ މަޑުޖެހިފައެވެ.
އެ ހުކުމް ދެމި އޮތުމުން ރައީސް ޔާމީންގެ ކެންޑިޑެސީ ވެސް އީސީން ބަލައެއް ނުގަތެވެ. އަދި ސްޕްރީމް ކޯޓުން ވެސް ނިންމީ ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށެވެ.