ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ޖަގަހާގައި ހުޅުޖެހި ނަމަވެސް ކެމްޕެއިނަށް އަސަރު ނުކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މަޑަވެލީ ޖަގަހާގައި ހުޅުޖެހުމުން މިއަދު އެ ރަށުގައި ކެމްޕެއިން ޖަލްސާ ބޭއްވީ ބަނދަރުގައި ހުރި ގަހެއްގެ ދަށުގަ އެވެ.
"އަޅުގަނޑުމެން އެއްތަން ނެތިއްޔާ އަނެއްތަނެއްގަވެސް އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދާނަން، އެކަމަކު މިކަހަލަ ކަންތައްތައް ކުރުމަކީ ރައްޔިތުންގެ ތެރޭގައި ހިތްހަމަ ނުޖެހުން އުފެދިގެން ދާނެ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިލްތިމާސަކީ އެފަދަ އަމަލުތަކަށް ރައްދު ނުދިނުން ކަމަށާއި ރައީސް ޞާލިހު ދައްކަވާ މިސާލަކީ ވެސް އެއީ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސް ދައްކަވާ ނަމޫނާ އަކީ އެކަހަލަ ކަންކަން ކުރާ މީހުންނަށް ރައްދުދިނުމުގެ ބަދަލުގައި އެޔަށްވުރެ ރަނގަޅަށް އެ ބަޔަކާ އެކީ ދޭތެރޭގަ އަމަލުކުރުން، އެހެންވީމަ އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ޖަގަހަ ހަލާކުކޮށްލުމުން ވެސް އެނގި ހާމަވަނީ އަމާން ރާއްޖެއެއް ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިހު ކަމަށާއި އެފަދަ ގައުމެއް ދެމެހެއްޓޭނީ މިފަދަ ވެރިޔަކާއެކު ކުރިއަށް ގޮސްގެން ކަމަށެވެ.
މަޑަވެލީގެ މެޖޯރިޓީ އިދިކޮޅަށް އޮތުމަކީ، ނަފުރަތާއި ހަމަނުޖެހުން އުފައްދަން ޖެހޭ ސަބަބެއް ނޫންކަމަށާއި އަދި މިފަދަ އަމަލުތަކުގެ ސަބަބުން އިދިކޮޅަށް މެޖޯރިޓީ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެމްޑީޕީގެ އާންމު މެމްބަރުން މީޑިއާތަކުގައި ބުނެފައިވެއެވެ.
މަޑަވެލި ޖަގަހައިގާ ރޭ ބަޔަކު ހުޅުޖެހުން ކުށްވެރިކުރާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
"އިންތިޚާބާއި ގުޅުވައި މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީ ހަދައިގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން،" ނަޝީދު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.