ދެހާސް އަށާރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރާއްޖެ އަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ނަޑެއްލާގައި މިއަދު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅުތަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު މިހާތަނަށް ވަނީ ތިން ރަށަށް ވަޑައިގެންފައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ގދ. މަޑަވެއްޔަށެވެ. އޭގެ ފަހުގައި ގދ. ހޯނޑެއްދޫއަށާއި ނަޑެއްލާ އަށް ވަނީ ވަޑައިގެންފައެވެ.
ނަޑެއްލާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ދާއިރާއަކުން ވެސް ރާއްޖެ އަށް ތަރައްގީ އަންނަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. ރައްޔިތުންނަށް ނުލިބި ހުރި އަސާސީ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށެއްގައި ފޯރުކޮށްދެމުން އަންނަ އިރު، އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުވައި ވިޔަފާރިއަށް ފަހި މާހައުލެއް ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ސަރުކާރު ހިންގުމުގައި ވެސް ބޮޑެތި ބަދަލުތަކެއް އަޅުގަނޑުމެން ގެނެސްފިން. ބާރުތައް އެއް ތަނެއްގައި ޖަމާވެފައި އޮތް އޮތުން ދޫކޮށްލައި ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެ ހިންގުމަށް ބޮޑު ބަދަލެއް އަޅުގަނޑުމެން ގެންނަން ފަށައިފިން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަހަރުގެ މެނިފެސްޓޯގައި ރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމަކަށްވާތީ އިސްލާމީ އަގީދާ ވަރުގަދަކޮށް ރައްޔިތުންނަށް ދީނީ ތައުލީމާއި ކަންކަން އޮޅުން ފިލުވައި ދިނުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާނެއެވެ.
ދީނީ އިލްމުގެ ހަރުދަނާ ބިންގަލާއި އިސްލާމް ދީނަށް ލޯބި އިތުރު ކުރުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފިގުހު އެކަޑަމީއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނީ އިލްމު ފެތުރުވުމަށް އަންހެން އަދި ޒުވާން އިލްމުވެރިން ބިނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ މަހާސިންތާއެއް ބާއްވައި މިކަން ކުރެވޭނެ ގޮތް އެބޭފުޅުންގެ މަޝްވަރާއާ އެކީގައި ގާއިމު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގައި އިސްލާމިކް ސެންޓާ އޮފް އެކްސެލަންސް ގާއިމުކޮށް، ރާއްޖެއަކީ އިސްލާމީ ތައުލީމް އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ގާއިމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދީނާއި ދެކޮޅަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކޮށް އިސްލާމީ ސައްހަ އަގީދާ އާއި އެ އަގީދާއާ ގުޅޭ މައުލޫމާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.