ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ގދ. މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ އިރު، އެއް ފަޅެއްގައި އޮންނަ ގދ. ހާދޫ ވެސް އެއްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ފެއްޓެވި ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެ ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށް ދެއްވައިފައެވެ. އަދި މަޑަވެލީ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރި އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ބިން ހިއްކައި އެ ތަނުން ގޯތި ދޫކޮށް ރޯހައުސް އާއި ފްލެޓު އަޅައި ދެއްވާނެ ކަމަށެވެ. އަދި އައިސް ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުން އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ލިބޭނެ ގޮތް ވެސް ފައްޓަވައި ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، އަމާން ރާއްޖެއަކަށް ވެގެންދާނެ ކަމަށެވެ.