ރައީސް މިއަދު ދ. ހުޅުދެލީގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

މިއީ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރު: ރައީސް ސޯލިހް

މިއީ މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރު: ރައީސް ސޯލިހް

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ސަރުކާރަކީ މި ސަރުކާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދ. ހުޅުދެލީގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ %90 މަސައްކަތް ނިމިފައިވާ ކަމަށެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 2018 ވަނަ އަހަރު އަޅުގަނޑުމެން ވައުދުތަކެއް ވިން. އެ ވައުދުތަކުގެ %90 އިރާދަކުރެއްވިއްޔާ މިއަދު ވަނީ ނިމިފައި. އަޅުގަނޑު ހިތުން މިއީ އެންމެ ކާމިޔާބު ސަރުކާރު މިހާތަނަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގަންނެވި ވައުދުތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ރަށެއްގައި ގާއިމު ކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ. ނަމަވެސް މި އިންތިހާބަށް އައިއިރު، މި ވައުދުތައް ފުއްދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ އަޅައި ދެވިފައި ވަނީ އެންމެ 135 ކްލާސް ރޫމެވެ. މި ވެރިކަމުގައި 1،577 ކްލާސް ރޫމް ރާއްޖޭގެ އެކި ސްކޫލްތަކުގައި އަޅައިދީ ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި އެންމެ 15 މަލްޓި ޕާޕަސް ހޯލް އެޅުނު އިރު، މި ވެރިކަމުގައި 85 ސްކޫލެއްގައި މަލްޓި ޕާޕަސް ހޯލް އަޅައި ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އެމްޑީއޭ އަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކާ އެކު ކޯލިޝަން މެމްބަރުންގެ އަދަދު 80،000 އަށް އަރާފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކުން މަސައްކަތް ކުރަނީ އެއް އަމާޒަކާއި ވިސްނުމެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ރައްޔިތުންނަށް ހިދުމަތް ކުރުން. ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރުން. އަދާލަތު ޕާޓީގެ ވިސްނުމަކީ ވެސް އެއީ. އެމްޑީއޭގެ ވިސްނުމަކީ ވެސް އެއީ. މި ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ." ރައީސް ސޯލިހް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *