ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނިންމުނީ 1،906 މަޝްރޫއު ކަމަށާއި މި ސަރުކާރުން 2،190 މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ދ. މީދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ 2014 އިން 2018 އާ ދޭތެރޭގައި މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުނު ދުވަސްވަރަކީ އެންމެ ރަނގަޅަށް އިގްތިސާދު އޮތް ދުވަސްވަރު ކަމަށާއި ތެލުގެ އަގު އެންމެ ބޮޑަށް ދަށްވީ ވެސް އެ ދުވަސްވަރުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ އެކީގައި އިގްތިސާދަށް އައި ދަތިކަމާ އެކީގައި 2،190 މަޝްރޫއު ހިންގައި ނިންމާފައިވާ ކަމަށެވެ. އަދި މިކަން ކުރެވުނީ ރޭވުންތެރިކަމެއް ހުރެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ އާއި ފެނާއި ނަރުދަމާ ނިޒާމު ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅައި ދޭނެ ކަމަށް މި ސަރުކާރުން ބުނުމުން އެކަން ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާނުލެވޭނެ ވާހަކަ އާއި ކޮވިޑް ކޮންޓްރޯލް ނުވާނެ ވާހަކަ ވެސް ދެއްކި ކަމަށް ރައީސް ވިދާޅުވިއެވެ.
"މަވެސް އިރާދަކުރެއްވިއްޔާ ކޮވިޑް ވެސް ކޮންޓްރޯލް ކުރެވިއްޖެ. ބޯޑަރު ވެސް ކޮންޓްރޯލް ކުރެވިއްޖެ. ރިސޯޓުތައް ވެސް ހުޅުވިއްޖެ. މީހުން ވެސް އަންނަން ފަށައިފި. އިގްތިސާދު ވެސް ކުރިއަރަން ފަށައިފި،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން މިނިމަމް ވޭޖް ކަނޑައެޅި، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމެން ކައިރިވާ އިރު، ދަތުރުފަތުރުގެ ނިޒާމު ވެސް ގާއިމު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމާއި ދިވެހި ހުރިހާ ރައްޔިތުން އެމްޑީޕީ ފަހަތަށް އަރާ ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި ވަކި ރައްޔިތަކަށް ނުވަތަ ރަށަކަށް ތަފާތު ކުރުމެއް ނެތި ހިދުމަތް ކުރައްވާނެކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ދެއްވިއެވެ.