ފާރިސްގެ ރަނިން މޭޓަކަށް ޑރ. ޢަބްދުއްސައްތާރު ޔޫސުފް

ފާރިސްގެ ރަނިން މޭޓަކަށް ޑރ. ޢަބްދުއްސައްތާރު ޔޫސުފް

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2023 09:34
0

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ ރަނިން މޭޓަކަށް ޑރ.ޢަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.

ޑރ.ޢަބްދުއްސައްތާރު ޔޫސުފަކީ ޞިއްޚީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އޭނާ ވަނީ ޑަބްލިއުއެޗްއޯގައިވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

ޑރ.ޢަބްދުއްސައްތާރު ޔޫސުފު ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ ބެއިރޫތުގެ އެމެރިކަން ޔުނިވަރސިޓީއިންނެވެ. އެއަށްފަހު އޭނާ ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑި ހާސިލް ކުރައްވާފައިވަނީ އެމެރިކާގެ  ޗަޕެލް ހިލްގެ ޔުނިވަރސިޓީ އޮފް ނޯތު ކެރޮލިނާއިންނެވެ.

ޑރ.ޢަބްދުއްސައްތާރު ޔޫސުފް ވަނީ ރާއްޖޭގެ ސިއްޙީ ނިޒާމުގައި 1975 އިން 1994 އަށް މަސައްކަތް ކުރައްވާފައެވެ. އެމުއްދަތުގައި އޭނާވަނީ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތުގެ މަގާމްވެސް އަދާ ކުރައްވާފައެވެ. އޭނާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިވަޑައިގަތީ 1994 ވަނަ އަހަރުއެވެ. އަދި 2013 ވަނަ އަހަރު އޭނާވަނީ ޑަބްލިއުއެޗްއޯއިން ރިޓަޔަރ ކުރައްވާފައެވެ.

އެމްއާރުއެމްގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވި ފާރިސް، ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑެސީ ގަބޫލުނުކޮށްފާނެ ކަމަށް ވިސްނަވައި 1،500 ސޮއި ވެސް ހޯއްދަވައިފައެވެ. ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 1،500 މީހުންގެ ސޮއި ހޯދަން ޖެހެނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފައެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯދާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހެވެ. ފާރިސްގެ ރަނިންމޭޓް މިހާތަނަށް އައިއިރު އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.