އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް، އިންތިޚާބު ބޮއިކޮޓް ކުރުމަކީ ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ލިބޭނެ އެންމމެ ފަހު ފުރުސަތު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ބޭނުންވާ ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިޔަސް މައްސަލައެއް ނެތް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީން ވިދާޅުވުމުން އެކަމަށް ގޮތެއް ނިންމުމަށް އިދިކޮޅު ޖޮއިންޓް ސެނެޓުން ދަނީ ޚާއްސަ ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބު ބޮއިކޮޓް ކުރުމަކީ ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. އަދި ޕީޕީއެމް މެމްބަރުން ވިސްނަވައި ޑިމޮކްރެޓްސް އާއިއެކު ކުރިއަށް ދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.
އިންތިޚާބު ބޮއިކޮޓް ކުރުމަކީ ރައީސް ޞާލިހަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތް. ޕީޕީއެމް ހުރިހާ ބޭފުޅުން މިކަމާއި އަދި އިތުރަށް ވިސްނާލެއްވުމަށް ވަރަށް އެދެން. އުންމީދު ނަގާނުލައްވާ ޑިމޮކްރެޓްސް އާއިއެކު ކުރިއަށް ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލިއިރު ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތެއް ދޭން އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދުނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ނިކުންނެވުމަށް ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.
ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވައެވެ.