މިއަދު މި ގައުމަށް ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު އިނގިގެން ގޮސްފި: ޝިޔާމް

މިއަދު މި ގައުމަށް ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު އިނގިގެން ގޮސްފި: ޝިޔާމް

Author
އަޒްފާ ރަޝީދު
06 އޮގަސްޓް 2023 01:14
0

މިއަދު މި ގައުމަށް ރައީސް ޔާމީން ބޭނުންވެފައިވާ މިންވަރު ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކަށް އިހްސާސުކުރެވޭނެ ކަމުގައްޔާއި މާތް ﷲ ގެ ރަހުމަތްފުޅުން ހައްގަށް ނަސްރު ލިބިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖްލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ، މި އަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަަކައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ކެންޑިޑޭސީ ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ސުޕްރީމްކޯޓުން މިއަދު ކަނޑައަޅާފައިވަނިކޮށް މިކަމަށް ެރަށްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.

ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އީސީން ނިންމީ މައިގަނޑު ދެ ނުކުތާއަކަށް ބަލައިފައެވެ. އެއީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވުމާއި، އެ ހުކުމާ އެކު އިއްވި ޖޫރިމަނާ ފައިސާ ވެސް ނުދައްކައި އޮތުމުން ސާބިތު ދަރަންޏެއް ވެސް އެ މަނިކުފާނުގެ މައްޗަށް އޮތް ކަމަށެވެ.

މި މައްސަލައިގައި ހުކުމް އިއްވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ އުނިވާ ކަމަށް ވިދާޅުވެފައެވެ. އަދި، 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބުގެ އިސްތިއުނާފު ކުރިއަށް ދިޔަ ނަމަވެސް މަތީ މަރުހަލާ ކޯޓަކުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް އަނބުރާ ނުގެންދާހާ ހިނދެއްގައި އެ ހުކުމްތައް ތަންފީޒު ކުރައްވަމުން ގެންދަން ޖެހޭނެ ކަމަށެވެ.

ވުމާއެކު، ފަނޑިޔާރު ސުޢޫދުގެ ރަޢުޔުގައި ވިދާޅުވެފައިވަނީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ވަނީ ސުޢޫދުގެ ރަޢުޔަށް ތާއީދުކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.