އިއްޔެއެކޭ އެއްގޮތަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މޫސުން ލަފާކޮށް ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ މިމަހުގެ 1 އިން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އިއްޔެ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރައްތަކަށް އުދަ އަރާފައިވާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެގޮތުން އުދަ އެރީ ބޮޑު ދިޔަވަރުގައި އޮޔާއި ވަޔާއިއެކު ރާޅު ބާނީގެ އުސްމިން 6 ފޫޓާއި 8 ފުޓާއި ދެމެދު އުފުލުމުންކަމަށް ބުނެފައިވެއެވެ.
"ކުރިއަށް އޮތް 24 ގަޑިއިރުވެސް، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރައްތަކަށް އުދަ އަރާނެ. ވީމާ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް ދަންނަވަން" މެޓް އޮފީހުން ބުނެފައިވެއެވެ.
ހއ. އިން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ މިއަދު 14:53 ހާއިރުއެވެ. އަދި އެންމެ ތިރި ވާނީ މިރޭ 9:35 ގައެވެ. މެދު ރާއްޖެތެރެއަށް، އެއީ ކ. އަތޮޅުން ތ. އަތޮޅާއި ހަމައަށް ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ 15:46 ގައެވެ. އެންމެ ތިރިވާނީ 22:14 ގައެވެ. ރާއްޖޭގެ އެންމެ ދެކުނުން ލ. އަތޮޅުން އައްޑޫއާއި ހަމައަށް، ދިޔަވަރު އެންމެ ބޮޑުވާނީ 16:42 އާއި ހަމައަށެވެ. އެންމެ ތިރި ވާނީ 23:01 ގައެވެ.
https://t.co/XeTfynrPYi pic.twitter.com/04yILYQy5r
— Maldives Meteorology (@MetMaldives) August 6, 2023
ރާއްޖޭގެ މޫސުމަަށް ބަލާއިރު އުތުރުގެ ބައެއް ރައްތަކަށް މިމަހު އާންމުކޮށް ވާރޭ ވެހޭ ވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވިއަސް، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނީ މިމަހުން އާންމުކޮށް ވެހޭ ވަރަށް ވުރެ މަދުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިގަޑިތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން އަދި މޫދު ކައިރީ ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ގުޅޭ މުޢައްސަސާތަކުން ވަނީ އިރުޝާދު ދީފައެވެ.