މި މަހު ކުރީކޮޅު ބޭއްވުމަށް ތާވަލުކުރި "ދިވެހި ފިލްމު އެވޯޑްސް" ހަފްލާ، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
10 ވަނަ ފިލްމު އެވޯޑްސް އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު އެވޯޑްސް ފަސްކޮށް، އެ ހަފުލާ ބާއްވާ ރާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. އަދި އެވޯޑްސް އަށް ހުށަހެޅި ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް އެވޯޑް ހަފްލާ ފަސްކުރި ސަބަބު އަދި ހާމަނުކޮށް، އެންސީއޭ އިން ބުނީ ދިވެހި ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިއުލާންކުރެވޭނެ ކަމަށެވެ. އެންސީއޭ އިން ބުނިގޮތުގައި ދިވެހި ފިލްމުތަކަށް އެވޯޑް ދޭ ހަފުލާ ބޭއްވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ދިވެހި ފިލްމުތަކަށްދޭ ފިލްމު އެވޯޑްސް މި މަހު ބާއްވާނެކަން އިއުލާންކުރީ މިދިޔަ މަހު އެވެ. އޭރު ފިލްމުތައް ބައިވެރިކުރަން ފުރުސަތު ހުޅުވައިލީ އެ މަހުގެ 16 އާ ހަމައަށެވެ. ނަމަވެސް ފަހުން މުއްދަތު 20 އާ ހަމައަށް އިތުކުރި އެވެ.
އެންމެ ފަހުން ފިލްމު އެވޯޑްސް ބޭއްވީ 2019 ގަ އެވެ. އެ އަހަރުގެ އެންމެ މޮޅު ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކުރި "ވިޝްކާ" އެވެ.
ކޮމެންޓު ފޮނުވާ