އެމްއެންޕީގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖައްސަވައިފި

އެމްއެންޕީގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖައްސަވައިފި

Author
ހުސެއިން
06 އޮގަސްޓް 2023 12:43
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި, އެމްއެންޕީގެ ރަނިންމޭޓެއްގެ ގޮތުގައި, އައްޑޫ ހިތަދޫ ދެކުނު ދާއިރާއަށް ފާއިތުވެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ކުރެއްވި ޑރ. އަހުމަދު އަދީލް މިރޭ ހަޖައްސަވައިފިއެވެ.

ޑރ. އަދީލްއާއި އެމްއެންޕީގެ ރަނިންމޭޓްކަން ހަވާލު ކުރިކަން އިއުލާން ކުރައްވާފައިވަނީ، އެކަމަށް ޚާއްސަކޮށް މިރޭ ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމްއެވެ. މިރޭގެ ޖަލްސާގައި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ޑރ. އަދީލްގެ ތައާރަފްކޮށް އެރުމަށްފަހު ޑރ. އަދީލް ވަނީ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

އޭނާގެ ވާހަކާގައި ވިދާޅުވީ އެތައް އަހަރެއް ކުރިން ކޮންމެ ދައުރެގެ ރައީސަކުވެސް ގައުމަށްޓަކާ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަމަށާއި، އެހެންނަމަވެސް މިއަދާއި ހަމައަށް އާދެވުނުއިރު ގައުމު މިވަނީ 4 އަނގޮޅި ކަންމައްޗެއްގައި ކަމަށެވެ. އެހެންކަމުން މިހާލަތުން އަރައިގަތުމަށް ގައުމަށް އުޖާލާ ޒުވާން ޖީލެއް ބޭނުންވާކަމަށް ވިދާޅުވަމުން ޑރ. އަދީލް ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވާ އެކަންކަމުގެ ހައްލު ގެނެސްދެވޭ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ޑރ. އަދީލް ވަނީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އޭނާ ވާދަ ކުރައްވާފައިވަނީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު އިބުރާހިމް ނާޒިލްއާއެވެ.

ޑރ. އަދީލްއަކީ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ޓީޗިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ޙާސިލް ކުރެއްވީ ކިޔަވާދިނުމާއި ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވީ ބުރޫނާއިގެ ދާރުއްސަލާމް ޔުނިވާސިޓީންނެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހަމަޖައްސަވާފައެވެ. އަދި އިދިކޮޅު ކެޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނޭކަން އިއުލާން ކޮށްފައިވާ ކުރީގެ ރައީސް ޔާމިންވަނީ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. އެހެންނަމަވެސް ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭކަން ނުވަތަ ނޫންކަން ޔަގީން ވެގެންދާނީ މާދަމާ އިއްވުމަށް ހަމަޖެހިފައިވާ ރައީސް ޔާމިންގެ ކެޑިޑަސީއާއި ގުޅޭ ހުކުމަށް ފަހުއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެނޑިޑޭޓުން އަދި އެބޭފުޅުންގެ ރަނިންމޭޓުން އިއުލާން ކުރައްވާފައެއް ނުވެއެވެ.

އެމްއެންޕީގެ ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙްމަދު އުޝާމެވެ.

އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،838 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.