ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން ޖޭޕީގެ މައި އޮފީސް އަދި ހަރުގެ މ. ކުނޫޒުގައި ބައްދަލުވުމެއް ކުރިއަށް ގެންދާ ކަން "ހަބަރު އޮންލައިން" އަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ފަށާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ގާސިމްގެ ދައުވަތަކަށް ކުރިއަށްދާ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވައެވެ.
އަދި ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަން އެނގިފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، ގާސިމްގެ ފަހަތަށް އެރުމަށް ދެ ފަރާތުން ކުރަމުންދާ މަޝްވަރާއެކެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އާއި ދަ ޑިމޮކްރެޓްސް އިން ދާދި ފަހުން ވަނީ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ވެސް ހިންގަވައިފައެވެ.
ޑިމޮކްރެޓްސް އިން މީގެކުރިން ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ފަހަތަށް ނާރާނެ ކަމަށް ބުނެފައެވެ.
ޑިމޮކްރެޓްސް އާޢި ޖޭޕީން ގުޅިގެން މަސައްކަތް ކުރުމަށާއި މެނިފެސްޓޯ އެކުލަވާލަން މަޝްވަރާކޮށްފައިވެއެވެ. އެކަމަކު، ވަކި ހިސާބަކުން އެ މަޝްވަރާ ބައްދަލުވުންތައް ހުއްޓުނެވެ. އެއީ ޑިމޮކްރެޓްސް އުފެއްދެވުމުގެ ފަހަތުގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ މެދުގައި ހިޔާލު ތަފާތުވުން ހުރެގެންނެވެ. ނަޝީދު ބޭނުންފުޅުވީ ރާއްޖޭގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށެވެ. އެކަމަށް ގާސިމް އެއްބަސްވެވަޑައިނުގެންނެވިއެވެ.
އޭގެ ފަހުން، ގާސިމާއި ނަޝީދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެ، ޕީޕީއެމް އާއި އެމްއާރުއެމްއާ އެކުގައި ވާހަކަ ދައްކަން ނިންމިއެވެ.
One Response
ތިޔައީ ބައިވެރިވާނެ ބަޔަކު ނުވެގެން ލާހޫރޭ ބަޔެކެވެ. އަޅެ ބުރު ކަނަމައްޗާ ވާހަކަ ދައްކަ ބަލާށެވެ. ތިޔަ ތިބީ ގޮތް ހުސްވެ، މަގުމަތި ވެފައެވެ.