މާލޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން މިއަދު ފެނިގެންދަނީ އުފާވެރި މަންޒަރުތަކެއް ކަމަށާއި، ކޯވިޑް-19 އާއިއެކު ކުރިމަތިވެފައިވާ ތާށިން އަރައިގަނެވޭނެ ކަމުގެ އުފާވެރި މަންޒަރުތައް ފެންނަމުންދާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާންމުކޮށް ހަފްތާ ބަންދުގައި މޫދަށް އެރިލައި ކުޅެލާ ހަދާލަން މާލޭގެ އެކި ބީޗްތަކަށް ވަޑައިގަންނަވާ މަޖިލިސް ރައީސް މިހަފްތާގައި ވަޑައިގެންނެވީ އާރޓްފިޝަލް ބީޗަށެވެ. އެމަނިކުފާނު އެސަރަހައްދުގައި އިންނަވައި ދެއްވި މެސެޖެއްގައި ވިދާޅުވީ ކޯވިޑް-19 އާއިއެކު ރާއްޖޭގެ އިޤްތިޞާދު އެއްކޮށް ހުއްޓި އާމްދަނީ ލިބޭނެ ގޮތްތައްވެސް މަޑުޖެހުނު ކަމަށެވެ. މިއާއިއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުކޮށް ދައުލަތަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ހުއްޓިފައިވާކަމަށެވެ.
ކޯވިޑް ރޯގާއާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެ، ދިވެހި ރައްޖޭގެ ޓުވަރިޒަމް ވިޔަފާރި އެކީ ހުއްޓުނު. އަމްދަނީ ލިބޭނެ ހުރިހާމަގެއްވެސް ދައުލަލަށް ހުއްޓިގެންދިޔަ. އަޅުގަނޑުމެން އެންމެން ތިބީ ވަރަށްބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް މިއަދު އާރޓްފިޝަލް ބީވުގައި އިންނަވާއިރު، ފެނިގެންދަނީ އެއާޕޯޓުން އުފާވެރި މަންޒަރެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއާލައިންތަކުން ރާއްޖެއަށް މިއަދު އަލުން ދަތުރު ފަށާފައިވާކަމީ ރާއްޖޭގެ މިއަދަވަޅުން އަރައިގަތުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑު މިއިނީ ދިވެހި ރާއްޖެ ހުޅުވިތާ މަހެއްހާ ދުވަސްވެ އޭގެ ފަހުން ހެންވޭރު އާޓިފިޝަލް ބީޗުގައި. އަޅުގަނޑަށް އެފެންނަނީ ހުޅުލެ. ހުޅުލޭ އެއާޕޯޓަށް ބްރިޓިޝް އެއާވޭސްވެސް ޖައްސާފަ އެބައޮތް. ސިލޯން އެއާލަންސްވެސް ޖައްސާފަ އެބައޮތް. ދުނިޔޭގެ ހުރިހާ ތަނަކުންވެސް އަނެއްކާވެސް ފްލައިޓްތައް އައިސްސައެއޮތީ. އިރާދަ ކުރެއްވިޔާ މިސީޒަން އަނެއްކާވެސް ނިމިގެންދާނީ ވަރަށް ރަނގަޅު ސީޒަނެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް މި ތާށިން އަރައިގަނެވޭނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
Alhugandumenah mi dhathin araiganeveyne – RN pic.twitter.com/rdV5DPYNCj
— Nauty? (@nautymatox) December 5, 2020
ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މިހާތަނަށް 80000 އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 82902 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 465749 އަށް އަރާފައެވެ.
ރާއްޖޭ ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިޔާއިންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 17404 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 10318 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 5703 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ކޮމެންޓު ފޮނުވާ