ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހް

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓަކަށް އިސްމާއިލް ޒަބީހް ހަމަޖައްސައިފި އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން 1،500 މީހުންގެ ސޮއި ހޯދަން ޖެހެނީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. އެކަމަކު ފާރިސް، 1،500 މީހުންގެ ސޮއި ހޯއްދެވީ އޭނާ ނިސްބަތްވާ ޕާޓީ އެމްއާރްއެމްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން ވަނީ ހުއްޓުވާފައެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާތަނަށް ސޮއި ހޯދާފައިވަނީ ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އެކަމަކު އުމަރުގެ އިންތިހާބީ އެޖެންޓްގެ ނަން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް ކަމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް ހަމަޖައްސާފައިވާއިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *