ޤާނޫނޫ އަސާސީން އެންމެ މަތީބާރު ކަށަވަރުކޮށް ކޮށްދީފައިވާ ރައްޔިތުންނަށް މިސަރުކާރުގެ ތިލަފަތުން ޖާގަ ލިބެނީ 3 ވަނަ ދަރަޖާގައިކަމަށް ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތައް ތަންފީޒު ކުރުމުގައި ގެންގުޅެމުންދާ ތަފާތު ކުރުންތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ދިޔާނާ ވިދާޅުވީ އާންމު ރައްޔިތުންނެކޭ ސަރުކާރުގެ އިސްވެރިންނެކޭ މިފަދަ ބައްޔެއްގައި ތަފާތުވެގެން ނުވާނެކަމަށެވެ. ވަކަ ބަޔަކަށް ބޮޑެތި ޖަމާއަތް ހަދައިގެން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރެވޭއިރު، އަންމު ރައްޔިތުންގެ ބޭނުންތަކަށް ދަތުރު ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދު ފެނިގެންދަނީ ސަރުކާރުގެ ވެރިންނާއި، ވެރިންގެ އާއިލާތަކުގެ ބޭބޭފުޅުން އަތޮޅުތަކަށް ދަތުރުކޮށް، އުޅުއްވާ މަންޒަރުކަމަށެވެ. މިކަމުގެ ސަބަބުން އާންމު އިޖުތިމާއީ މިންގަނޑުތަކާއި، އާންމުކޮށް އެންމެން އަމަލުކުރުމަށް ނެރެފައިވާ ނިންމުންތަކުން އިސްތިސްނާވާ ބަޔަކު ފެންނަކަމަށެވެ. ޒަރޫޒީ ކަންކަމުގައި ދަތުރުކުރާ މީހުންނަށް އިސްތިސްނާތަކެއް ދިންކަމުގައި ވީނަމަވެސް ދައުލަތުގެ ބޮޑުންގެ އުފަލަށް ދަތުރު ކުރުމަށް ހުއްދަދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްދޭ ފަރާތްތައް ކަރަންޓީނުން އިސްތިސްނާ ކުރަންޖެހޭ. އެހެންނަމަވެސް އެ އިސްތިސްނާގެ ދަށުން ސަރުކާރުގެ ވެރީންގެ އާއިލާތައް ދަތުރުކުރަން ހުއްދަ ނުދެވޭނެ. އުސޫލުތައް އެންމެންގެ މައްޗަށް އެއް ހަމައިން ނުހިންގުމަކީ ވަރަށް ބޮޑު ދެރައެއް. އަބަދުވެސް ރައްޔިތުން ތިންވަނަ ދަރަޖައިގަ.
– ދިޔާނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މިންގަނޑުން ބޭރުން ސަރުކާރުގެ އިސްވެރިންނާއި، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަސް ދަތުރު ކުރައްވާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ސަރުކާރުން މިހާރު ކުރަމުންދާ ދަތުރުތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވޯޓު ހޯދުމަށް ކުރަމުންދާ ކެންޕެއިން ދަތުރުތަކެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ