އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާއެކު އިންޓަ މިއާމީން އޯލަންޑޯ ސިޓީ ބަލިކޮށްފިއެވެ.
މެޗުގެ ހަތްވަނަ މިނެޓްގައި އެޓީމަށް ކުޅޭ ފިންލެންޑް މިޑްފީލްޑަރު ރޮބާޓް ޓޭލާ ޑިފެންޑަރުން ބޯ މަތިން މެސީ އަށް ވައްޓާލި ބޯޅަ އޭނާ ވަނީ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ހާފް ވޮލީ އަކުން ގޯލަށް ފޮނުވާލައިފައެވެ. އަދި ސަޕޯޓަރުންނަށް އެންމެ ހާއްސަވީ އުފާފާޅު ކުރުމުގެ ގޮތުން އޭނާގެ ދެ އަތް މޭ މަތީ ހުރަސް ކޮށްލައި، މާވެލް ސުޕަހީރޯ ކެރެކްޓާ ބްލެކް ޕެންތާ ރަމްޒު ކޮށްދޭ "ވަކަންޑާ ފޮރެވާ" ސެލެބްރޭޝަނެވެ.
މެސީ އާއި ސާޖިއޯ ބުސްކެޓްސް އާއެކު ބާސެލޯނާ އަށް ކުޅުނު ވާތުބެކް ޖޯޑީ އަލްބާ ވެސް ވަނީ ފުރަތަމަ ފަހަރަށް އިންޓަ މަޔާމީގެ ޖޯޒީގައި ކުޅެން ނުކުމެފައެވެ. އޭނާ ކުޅެން އެރީ މެޗުގެ ފަހު 30 މިނިޓަށެވެ. މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ވޯމްއަޕް ގައި ތިއްބައި ވިއްސާރަވެ، މޫސުން ގޯސް ވުމުގެ ސަބަބުން 95 މިނިޓަށް ފެށުން ލަސްކުރަން ޖެހުނު މި މެޗުގައި، މެސީ އިންޓަ މަޔާމީ އަށް ލީޑު ނަގައިދިންތާ 10 މިނިޓު ފަހުން އޯލެންޑޯ ސިޓީ އިން ނަތީޖާ އެއްވަސރު ކުރި އެވެ.
އިންޓަ މަޔާމީ އިން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގައެވެ. މެޗުގެ 51 ވަނަ މިނިޓުގައި އަލުން ލީޑު ނެގީ ޖޯސެފް މާޓިނޭޒް ކާމިޔާބު ކުރި ޕެނަލްޓީއަކުންނެވެ. އަދި 72 ވަނަ މިނިޓުގައި މެސީ، އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ޖޯސެފް މާޓިނޭޒް ދިން ޕާހަކުންނެވެ.
އުމުރުން 36 އަހަރުގެ މެސީ އިންޓަ މަޔާމީ އަށް ބަދަލުވެ، މިހާތަނަށް ކުޅުނު ތިން މެޗުން ވަނީ ފަސް ގޯލު ޖަހައިފައެވެ. ލީގްސް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެޓަލާންޓާ ޔުނައިޓެޑް ކޮޅަށް ދެ ގޯލު ޖެހުމުގެ އިތުރުން، ފުރަތަމަ މެޗުގައި މެކްސިކޯގެ ކްރޫޒް އަޒުލް ކޮޅަށް ވެސް ގޯލު ޖެހިއެވެ. ލީގްސް ކަޕްގެ ގަދަ 16 ގައި އިންޓަ މަޔާމީ، އަންނަ ހަފްތާގެ އަންގާރަ ދުވަހު ނުކުންނާނީ އެމެރިކާގެ އެފްސީ ޑަލާސްއާ ދެކޮޅަށެވެ.