އެއްކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި ދިވެހި 5 މީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުން މިމައްސަލައިގެ ތަފްސީލް ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ 5 ދިވެހިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އެމީހުން ދޫކޮށްލަފައިކަމަށެވެ. މިމީހުންނާއި އެކު ފުލުހުން އަތުލަިއގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.
މިމީހުން ދޫކޮށްލުމާއި ގުޅިގެން ފުލުހުން ވަނީ މި އޮޕަރޭޝަންގެ ތަފްސީލުވެސް ހާމަކޮށްފައެވެ. ފުލުހުން ބުނެފައިވަނީ 2020 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 21:38 ހާއިރު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އެގެދަށުން ކ.މާލެ / ހ.ވައިފިނި ސިކްސްތް ފްލޯ ބަލާފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ މަނާބޭސް ކަމަށް ޝައްކުކުރެވޭ ބޭސްތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅި އަކާއި ގިނަ އަދަދެއްގެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެދަށަށް ނެސްފައިވާކަމަށެވެ.
ފެނުނު ތަކެތީގެ ތަފްސީލް:
42 ފިލްމް ހުސްކުރި ދަޅު (މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި)
28 ރަބަރު ޕެކެޓް (މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި)
216 ސެލޯފިން ކޮޅު (މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި)
1 ޖޫސް ޕެޓީ ކޮތަޅު (މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި)
1 ބިޑި (ދުންފަތާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އެއްކޮށްގެން ހަދާފައިވާ)
225 ގުޅަ ބޭސް (މަނާބޭސް ކަމަށް ޝައްކުކުރެވޭ )
1 ފުޅި (ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި)
17،150 ރުފިޔާ
މިމައްސަލައާއި ގުޅިގެން 07 ދިވެހި ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ، 28އ، 22އ، 25އ، 27އ،21އ، 26އ، 19އ، އަހުގެ ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ