އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަަށް ހުށަހަޅައިފިއެވެ.
މިއަދު ހެނދުނު 10:00 ގައި ރައީސް ޔާމީންގެ ކެނޑިޑެންސީ ފޯމު އިލެކްޝަނަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު، ރައީސް ޔާމިންގެ ރަނިންމޭޓު އިސްވެ ހުންނަވައިގެންނެވެ. ހެންވޭރުކޮޅުގައި ހުންނެ ޕީޕީއެމް އޮފީސް ކައިރިން ހިނގާފައި ދަރުބާރުގޭގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒަށް ފޯމު ހުށަހަޅަން ދިޔައީ ހިނގާފައެވެ.
ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ހަވާލު ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެމްޕޭން އޭޖެންޓް މުހައްމަދު ތޮލާލްއެވެ.
މިއަދު ރައީސް ޔާމީންގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސްއަށް ހުށަހަޅާފައި ވާއިރު، ރައީސް ޔާމިންވަނީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ހަމަޖައްސަވާފައެވެ. ރައީސް ޔާމިންގެ ރަނިން މޭޑަޓަކަށް ޑރ. ޖަމީލު ހަމަޖެއްސުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ލީޑަރޝިޕްގެ ބޭފުޅުން ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.
އެހެންނަމަވެސް ރައީސް ޔާމީން އިއްޔެވަނީ އެމަނިކުފާނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ، އިދިކޮޅު ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށްވެސް ނިންމާފައެވެ. މިގޮތުން، އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓުގެ ގޮތުގައި ޑރ. މުއިޒުއަށް އެޕާޓީގެ ޓިކެޓް ދިނުމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ތާއީދު ކުރާއިރު، އިދިކޮޅުގެ އިސް ބައެއް ބޭފުޅުން މައުލޫމާތު ދީފައިވާ ގޮތުގައި ރަނިންމޭޓަކާއި ގުޅޭގޮތުން ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އެބަހުއްޓެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މި އޮގަސްޓުމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް، ގާނޫނު ބުނާގޮތުން، ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމިންގެ އިންތިޚާބީ ޝަރުތުރު ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ޕީޕީއެމްއިން އެކަން ގަބޫލެއް ނުކުރެއެވެ.
އިންތިޚާބާބެހޭ ގާނޫނު ބުނާގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އިންތިޚާބީ ޝަރުތުތަކާއި ގުޅޭގޮތުން ޚިލާފް އުފެދިއްޖެނަމަ އެ މައްސަލައާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ސުޕްރިމް ކޯޓުންނެވެ. ނަމަވެސް، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް މިހާތަނަށް ހުށަހެޅި ދެ މައްސަލަވެސް އެކޯޓުން ބަލައިގެންފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމިންގެ ފޯމު އިލެކްޝަންސްއިން ބަލައި ނުގެންފިނަމަ ދެން އެމައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ސުޕްރިމް ކޯޓުންނެވެ.
ކޮމެންޓު ފޮނުވާ