އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފާރިސް ފޯމު ހުށަހަޅުއްވައިފި

އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފާރިސް ފޯމު ހުށަހަޅުއްވައިފި

Author
ހުސެއިން
27 ޖުލައި 2023 02:44
0

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މީގެ 2 ދުވަސް ކުރިންނެވެ.

އެމްއާރުއެމުން މިމަހުގެ 25 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެދުވަހުން ފެށިގެން މިހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރަކާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ ޕްރައިމަރީގައި ވޯޓުލެވޭނީ އެޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަތާ އެއް އަހަރު ވެފައިވާނަމަ ކަމަށްވެސް އެމްއާރުއެމްއިން ބުނެފައި ވެއެވެ. އެމްއާރުއެމްއިން ހާމަކޮށްފައިވާ ގޮތުގައި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ވޯޓަކީ އޮންލައިންކޮށް ނަގާ ވޯޓެއް ކަމަށް ވެސް އެމްއާރުއެމް އިން ބުނެއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްއާރުއެމްއިން އިއުލާން ކުރިއިރު، ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތްވެސް ފައްޓަވައިފައެވެ.

އެމްއާރުއެމްއިން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާއިރު، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެޕާޓީއާއި އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ވާދަކުރުމުގެ މަޝްވަރާތަކެއް މިހާރު ވެސް ދަނީ ކުރަމުންނެވެ.

އެމްއާރުއެމްއަކީ، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.