ހުޅަނގު އެފްރިކާ ސަރަހައްދުގެ ގައުމެއް ކަމުގައިވާ ނިޖަރގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކޮށްފައިވާކަމަށް އެގައުމުގެ ސިފައިން ބުނެފިއެވެ.
ނިޖަރގެ ރައީސް ބަޒޫމް ވެރިކަމުން ދުރުކޮށްފައިވާ ކަމަށް، ގައުމީ ޓީވީގައި ސިފައިންގެ ތަރުޖަމާން އިއުލާން ކޮށްފައިވަނީ، ރިޔާސީ ގާޑުން، ރައީސް ރިޔާސީ ގަނޑުވަރުގައި ހައްޔަރު ކޮށްފައިވާކަމަށް އަޑު ފެތުރުނުތާ ގަޑިރުތަކެއް ފަހުންނެވެ.
ނިޖަރގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ކާނަލް މޭޖަރ އަމަޑޯ އަބްޑްރާމަން ވިދާޅުވީ "ސަރުކާރު ނިމުމަކަށް ގެންނަން ޑިފެންސް އެންޑް ސެކިއުރިޓީ ފޯސްއިން ނިންމައިފި" ކަމުގައެވެ.
"ސަރުކާރު ނިމުމަކަށް ގެންނަން ނިންމަން ޖެހުނީ، ސަލާތީ ކަންކަން ދަށަށް ގޮސް، އަދި އިގްތިސާދީ، އިޖުތިމާއީ ހާލަތު އިންތިހާއަށް ގޯސް ވުމުގެ ސަބަބުން."
ޓީވީގައި ވާހަކަ ދައްކަވަމުން ސިފައިންގެ ޖެނެރަލް ވިދާޅުވެފައިވަނީ އެގައުމުގެ ބޯޑަރުތައް މިހާރުވަނީ ބަންދު ކުރެވިފައި ކަމަށާއި، މުޅި ގައުމުގައި ކާފިއު އިއުލާން ކޮށްފައިވާކަމުގައެވެ. އަދި ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ މަސައްކަތްތައް މިވަގުތަށް ވަނީ ސަސްޕެންޑް ކޮށްފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޖަރގެ ގައުމީ ޓީވީގައި ކާނަލް އަބްޑްރާމަން ވާހަކަ ދައްކަވަމުން ގެންދެވިއިރު އަރިހުގެ ސިފައިންގެ އިތުރު 9 އޮފިސަރަކު ކޮޅަށް ތިއްބަވާފައި ވެއެވެ.
ރައީސް ބަޒޫމް ވެރިކަމުން ދުރުކުރުމަށްފަހު، ގައުމު ހިމާޔަތް ކުރުމުގެ ނަމުގައި މިހާރު އުފައްދާފައިވާ ނޭޝަނަލް ކައުންސިލްއިން ވަނީ ބޭރުގެ އެއްވެސް ގައުމަކުން އެގައުމުގެ ކަންކަމާ ނުބެހުމަށް ގޮވާލާފައެވެ.
ރައީސް ބަޒޫމް ވެރިކަމުން ދުރުކުރިކަން އިއުލާން ކޮށްފައި މިވަނީ، ރިޔާސީ ގާޑުން ސަރުކާރާ ދެކޮޅު މުޒާހިރާގައި ބައިވެރިވާކަމަށް ބުނެ، އަދި ރައީސް ރިޔާސީ ގަނޑުވަރުގައި ހިސޯރު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ރައީސްގެ އޮފީހުން ވިދާޅުވެފައި ވަނިކޮށެވެ.
ނިޖަރގެ ރައީސް ބަޒޫމް މިހާރު ވީ ތަނެއް އަދި އިސްތިއުފާ ދެއްވިކަމެއްވެސް ސާފުވެފައެއް ނުވެއެވެ.
އެމެރިކާއުން ވަނީ ހިސޯރު ކޮށްފައިވާކަމަށް ބެލެވޭ ބަޒޫމް ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.
މިއީ 2020 ވަނަ އަހަރުގެ ފަހުން އެފްރިކާގެ ހުޅަނގު އަދު މެދުތެރޭ ސަރަހައްދުތަކަށް ނިސްބަތްވާ ގައުމުތަކުގައި ގެނައި 7 ވަނަ ބަޢާވާތެވެ.