ނިޖަރގެ ޕްރެޒިޑެންޝަލް ގާޑުން އެގައުމުގެ ރައީސް މުހައްމަދު ބަޒޫމްގެ އަމުރަށް ބޯ ނުލެނބުމާއި ގުޅިގެން، ޕްރެޒިޑެންޝަލް ގާޑްސްއާއި ދެކޮޅަށް ހަމަލާދޭން އަަސްކަރިއްޔާއިން އޮތީ ތައްޔާރަށްކަމަށް ބުނެ، އަސްކަރިއްޔާއިން ރައީސްގެ ޕްރެޒިޑެންޝަލް ގާޑަށް އިންޒާރު ދީފިއެވެ.
ނިޖަރގެ ރައީސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ބުދަދުވަހު ހާމަކޮށްފައިވާ ގޮތުގައި މުޒާހިރާތަކާއި ދެކޮޅަށް ހަރަކާތްތެރިވާ ޕްރެޒިޑެންޝަލް ގާޑުން ވަނީ ރައީސާއި ދެކޮޅަށް އަސްކަރިއްޔާގެ އެހީތެރިކަން ލިބޭތޯ މަސައްކަތް ކޮށްފައި ކަމުގައެވެ.
ރައީސްގެ ރަސްމީ ޓުވިޓަރއިން ބުނެފައިވަނީ، ރައީސް ބަޒޫންއާއި އާއިލާ ތިބީ ރައްކާތެރިކަމާ އެކު ކަމަށާއި، އަދި ތިއްބެވީ، ވެރިރަށް ނިއާމޭގައި ހުރި ރިޔާސީ ގަނޑުވަރުގައި ކަމުގައެވެ.
ރިޔާސީ ގާޑުން ގެންނަން މަސައްކަތް ކުރި ބަޢާވާތާއި ގުޅިގެން ރިޔާސީ ގަނޑުވަރާއި އަދި ގަނޑުވަރުގެ ކައިރީގައިވާ މިނިސްޓްރީތަކާއި ގުޅުންހުރި މަގުތައް އަސްކަރިއްޔާއިން ވަނީ ބަންދު ކޮށްފައެވެ. ރައީސްގެ އޮފީހުން ބުނެފައިވަނީ ރިޔާސީ ގަނޑުވަރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށްވެސް އޮފީހަށް ދެވޭނެ މަގު ފަހިވެފައި ނުވާކަމުގައެވެ.
އެހެންނަމަވެސް ވެރިރަށް ނިއަމޭގައި ހަމަނުޖެހުމެއް ނެތްކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރިޔާސީ ގާޑުން ގެންނަން މަސައްކަތް ކުރި ބަޢާވާތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އަސްކަރައިޔާއަށް މިހާރުވަނީ އަމުރު ކޮށްފައި ކަމުގައެވެ.
ނިޖަރ ރައީސާ ދެކޮޅަށް ބަޢާވާތެއް ގެންނަން މަސައްކަތް ކުރި ސަބަބު އަދި ހާމަވެފައެއް ނުވެއެވެ. އެހެންނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދަނީ ރައީސާ ދެކޮޅަށް ހިންހަމަނުޖެހުން އުފެދިފައިވަނީ، ނިޖަރގެ ތަކެތީގެ އަގު އުފުލިގެން ދިއުމާ، ގައުމަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރު ނުކުޅެދުމާއި އަދި ގައުމުގައި އަށަގަންނަމުންދާ ކޮރަޕްޝަންގެ ވަބާގެ ސަބަބުން ކަމުގައެވެ.