ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ބޭނުންވާ ފޯނު ނަގައިފިއެވެ.
"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވިދާނެކަމަށް ބަލާ، ޕީޕީއެންގެ ސެނެޓްގައި ހިމެނޭ ބައެއް ފަރާތަތަކުން، މިއަދު އިލެކްޝަންސް ކޮމިޝަނުން ފޯމު ނަގާފައިވަނީ، ރައީސް ޔާމިނަށް ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ، އެޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ބައެއް ފަރާތްތައް ޕާޓީގެ އިސް ސަފުގައި އަދިވެސް ތިބުމާއި ގުޅިގެންނެވެ.
އެހެންނަަމަވެސް އިލެކްޝަންސް ކޮމިޝަނުން ފޯމު ސެޓް ނަގާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ ތެރެއިން ކޮން ބޭފުޅުންނަކަށް ނިސްބަތްވާ ފަރާތްތަކެއް ކަމެއް އަދި ސާފު ކުރެވިފައެއް ނުވެއެވެ.

އިންތިޚާބަށް ކުރިމަތި ލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުން ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން މިއަދު އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާއިރު، ރައީސް ޔާމިން މިހާރުވަނީ އިލެކްޝަނަށް ހުށަހެޅުމަށް ފޯމުގައި ސޮއި ކުރައްވާފައެވެ. އަދި ރޭ ޕީޕީއެމްގެ ލީޑަރޝިޕުންވަނީ ރައީސް ޔާމިންގެ ރަނިން މޭޓަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލީޑރޝިޕްގެ ތެރޭގައި ވަނީ ރަނިން މޭޓަކާއި ގުޅޭގޮތުން ޚިޔާލު ތަފާތުވެފައެވެ. މިގޮތުން ބައެއް ބޭފުޅުން ރަނިން މޭޓަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ތާއީދު ކުރާއިރު، އަނެއްބަޔަކު ތާއީދު ކުރައްނީ ރަނިން މޭޓަކަށް އައްސާން މައުމޫން ހަމަޖެއްސުމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރޝިޕުން ބުނެފައިވަނީ ރަނިން މޭޓަކު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ރައީސް ޔާމިނަށް ކަމުގައެވެ.
ހަމައެއާއެކު، ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި އޮތުމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދުވަނީ ބަލައިނުގަނެ ބޭރު ކޮށްލާފައެވެ.
ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ނުކުރުމަށް ރަޖިސްޓާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމައިފައެވެ. މިއަދު މެންދުރުފަހު މުޅިން އާ މައްސަލައެއް ޔާމީންގެ ފަރާތުން ހުށަހެޅިއިރު އޭގެ ދެގަޑިއިރެއްހާ އިރު ފަހުން މައްސަލަ ބޭރުކޮށްލަން ނިންމި ކަން ސުޕްރީމް ކޯޓުން ވަނީ ޔަގީންކޮށްދީފައެވެ.

"ޚަބަރު އޮންލައިން"އަށް މައުލުމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް، އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިހާރު ތިބީ ތައްޔާރަށެވެ. އެގޮތުން، އެފަދަ ހާލަތެއްގައި ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއާއި، ކުރީގެ ރައީސް ވަހީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމްގައި ހުންނެވި އައްސާން މައުމޫންއާއި އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިމެނޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހުވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ މައުލުމާތު ލިބިގައެވެ. ރައީސް ޔާމިނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި މަސީހުއަށް ޓިކެޓް ދިނުމުގެ ވިސްނުން ރައީސް ގެންގުޅުއްވާކަމަށްވެސް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރިން ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ހަމައެއާއެކު، ރައީސް ޔާމިންއަށް ފުރުސަތު ހަނިވަމުން ދާއިރު، އެފުރުސަތު ރައީސް ޔާމިނަށް އެކީ ގެއްލިއްޖެނަމަ ދެން ގޮތެއް ނިންމަން ޖެހެނީ ޕާޓީގެ ސެނެޓުން ކަމަށްވާތީ، ސެނެޓް ނިންމުމުގައި ބައިވެރިވުމަށް ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންވެސް މިހާރު މާލެ އަންނަން ފަށާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ