ޔޫކުރެއިންގައި ހުރި ތާރީޚީ ފައްޅިއަކަށް ރަޝިއާއިން މިސައިލް ހަމަލާ ދީފި

ޔޫކުރެއިންގައި ހުރި ތާރީޚީ ފައްޅިއަކަށް ރަޝިއާއިން މިސައިލް ހަމަލާ ދީފި

ޔޫކުރެއިންގެ އޮޑެއްސާގައި ހުރި، ނަސާރާއިންގެ ތާރީޚީ ފައްޅިއަކަށް ރަޝިއާއިން މިސައިލް ހަމަލާ ދީފިއެވެ.

ޔޫކުރެއިންގެ އައްސޭރިފަށުގެ ސިޓީއެއް ކަމުގައިވާ އޮޑެއްސާއަށް ރަޝިއާއިން ދިން މިސައިލް ހަމަލާގައި އެސިޓީގައި ހުންނަ ނަސާރާއިންގެ މި ތާރީޚީ ފައްޅިއަށް ގެލުން ލިބުމާއި ގުޅިގެން ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ދީފައިވަނީ އެ ސިޓީގައި ހުރި ޓެރަރިސްޓުންގެ މަރުކަޒަކަށް ކަމަށާއި، ފައްޅިއަށް ގެއްލުން ދީފައިވަނީ ޔޫކުރެއިންގެ އަސްކަރިއްޔާއިން ކަމުގައެވެ.

ޔޫކުރެއިންގެ ރައީސް ވޮލޮޑިމިރު ޒެލެންސްކީ ވަނީ މި ހަމަލާގެ ބަދަލު ހިފާނެކަމަށް ވިދާޅުވެފައެވެ. މި ހަމަލާގައި އެކަކު މަރުވެ 19 މީހަކަށް އަނިޔާވެފައި ވެއެވެ.

ހަމަ ޔަގީނުންވެސް އޮޑެއްސާއަށް ދިން ޓެރަރިސްޓު ހަމަލާގެ ބަދަލު އަހަރެމެން ހިފާނަން.

ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

އޮޑެއްސާއިން ގޮނދަން ބޭރުކުރުމަށް ޔޫކުރެއިންއާއެކު ވެފައިވާ އެއްބަސްވުން ފާއިތުވެދިޔަ ހަފްތާގައި ރަޝިއާއިން ނިމުމަކަށް ގެނައިފަހުން ރަޝިއާއިން ދަނީ މެދުނުކެޑި އޮޑެއްސާއަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.

ޔޫކުރެއިންގެ ފޮރިން މިނިސްޓްރީންވަނީ، މޮސްކޯއާއި ގުޅުން އޮންނަ އޯތޮޑޮކްސް ފައްޅިއަކަށް ނިސްބަތްވާ މި ފައްޅި ހަލާކު ކޮށްލާފައިވަނީ ރަޝިއާއިން ކަމަށް ބުނެފައެވެ.

ހަނގުރާމައިގެ މި ޖަރީމާއަށް މާފެއްވެސް ނުދެވޭނެ، ހަނދާންވެސް ނައްތައެއް ނުލެވޭނެ.

ރަޝިއާއަކީ ޓެރަރިސްޓު ގައުމެއްކަމަށް ހޭޝް ޓެގުން ސިފަކުރަމުން، ފޮރިން މިނިސްޓްރީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ރަޝިއާގެ މިސައިލް ހަމަލާގައި ގެއްލުން ލިބުނު މި ފައްޅީގެ އިމާރާތަކީ އޮޑެއްސާގައި ހުންނަ އެންމެ ބޮޑު ފައްޅިއެވެ. މި ފައްޅި އެންމެ ފުރަތަމަ ބިނާކުރީ 1809 ވަނަ އަހަރުއެވެ. އެއަށްފަހު 1939 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންއިން މި ފައްޅި ތަޅާލިއެވެ. އެހެންނަމަވެސް އަލުން ފައްޅި އިމާރާތް ކުރީ 2003 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *