ސަރުކާރުން ގެންގުޅޭ ކޯވިޑަކީ ވެރިންނަށް ބިރުގަންނަ، ރައްޔިތުން ފަހާދުވާ ކޯވިޑެއް: އަދުރޭ

ސަރުކާރުން ގެންގުޅޭ ކޯވިޑަކީ ވެރިންނަށް ބިރުގަންނަ، ރައްޔިތުން ފަހާދުވާ ކޯވިޑެއް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 08:27
0

ރާއްޖޭގައި އޮތް ކޯވިޑް-19 އަކީ ސަރުކާރުގެ ވެރިންދެކެ ބިރުގަންނަ، ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމުގައި ހަދައި އެމަންޒަރު ދިވެހި ރައްޔިތުންނަށް ދައްކަމުންދާކަމުގައި އިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކޯވިޑް-19 ފެތެރެނީ ހަމައެކަނި ރައްޔިތުންގެ ބޭނުންތަކަށް ރަށްރަށަށް ދަތުރުކުރުމުން އެކަނި ކަމަށެވެ. ސަރުކާރުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ވަފުދުތައް ހަދައިގެން މުޅި ރާއްޖޭގައި ދަތުރު ކުރެއްވިޔަސް ކޯވިޑަކީ އުޅޭ އެއްޗެއްނޫންކަމަށް ހަދާފައިވާކަމަށެވެ. ރަށްރަށަށްދާ ސަރުކާރުގެ ވެރިން، ރަށްރަށުގެ ހޮޓާ ރެސްޓޯރެންޓްތަކާއި، ގޭގެއަަށް ޒިޔާރަތްކޮށް މީހުންނާއި ބައްދަލުކޮށް ހަދާއިރު އެއްވެސް ނުރައްކަލެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިބޭފުޅުން ވަފުދު ހަދައިގެން ރަށްރަށަށް ގޮސް ރައްޔިތުންނާއި ސަލާންކޮށް، ބައްދައި ހޮޓާ ރެސްޓޯރެންޓުތަކަށް ވަދެ، ބޮޑެތި ބައްދަލުވުން ބާއްވައި މިހަދަނީ އެޗްޕީއޭގެ ކޮން މިންގަޑެއްގެ ދަށުންތޯ؟ މިސަރުކާރުން މިގެން ގުޅެނީ ވަރަށް ފައްކާ ކޯވިޑެއް. ވެރިންދެކެ ބިރުގަންނަ، ރައްޔިތުން ފަހާދުވާ ކޯވިޑެއް. ރައްޔިތުންނަށް މިއަދު ހުރިހާކަމެއް އެގޭ. އަޅުގަނޑުމެން ރަށު ބަންދުގައި ބޭތިއްބިޔަސް، ޖަލަށް ލިޔަސް މިސަރުކާރަށް ދިވެހި ރައްޔިތުން ވޯޓެއް ނުދޭނެ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން މިދޭ މެސެޖަކީ ކޯވިޑަކީ ސަރުކާރުގެ ވެރިންދެކެ ބިރުގަންނަ، ރައްޔިތުންގެ ސަބަބުން ފެތުރޭ ބައްޔެއްކަމުގައެވެ. އަދި ޚާއްސަކޮށް އިދިިކޮޅު ފަރާތްތަކުން އަތޮޅު ތެރޭގެ ރަށަށް ދާން އުޅެފިނަމަ ކޯވިޑްގެ ނުރައްކާ ރާއްޖޭގައި އިންތިހާއަށް ބޮޑުވާނެކަމަށެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ކުލަ ހުވަފެންތައް ދައްކައިގެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ނަމަވެސް ދިވެހި ރައްޔިތުންނަށް މިއަދު މިސަރުކާރުގެ ފެންވަރާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ހުރި ޤާބިލްކަން ފެނި ރައްިޔތުން މިސަރުކާރަށް ދޭނެ ވޯޓެއް މިހާރު ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހި ރައްޔިތުން މާދަމާވެސް ތިބީ ވޯޓު ފޮއްޓެއް ނުބަހައްޓައިގެން ކަމަށާއި، ވޯޓުން މިސަރުކާރު ބޮޑުތަނުން ބަލިކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.