ނާޒިމާއި އެމްއެންޕީގެ ވެރިން ޤާސިމާއި ބައްދަލު ކޮށްފި

ނާޒިމާއި އެމްއެންޕީގެ ވެރިން ޤާސިމާއި ބައްދަލު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2023 01:21
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ބައްދަލު ކޮށްފިއެވެ.

ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމްގެ އިތުރުން އެމްއެންޕީގެ ވަފުދުގައި ދެން ހިމެނެނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ އަމިއްލަ ރިސޯޓެއް ކަމަށްވާ ވިލާ ޕާކު، ސަން އައިލެންޑުގައި ކަމަށެވެ.

މިބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މުހިންމު މަޝްވަރާތަކެއް ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. ޤާސިމާއި، ނާޒިމްވެސް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް ނާރާނެކަމަށެވެ.

އެމްއެންޕީ އުފެއްދުމުގެ ކުރިން ނާޒިމް ހަރަކާތްތެރިވީ ގާސިމްގެ ޖޭޕީގައެވެ. ޖުމްހޫރީ ޕާޓީން ވަކިވެ, އާ ޕާޓީއެއް އުފައްދަން ޖެހުނީ ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއަކަށްވެފައި, އެ ޕާޓީން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ނާޒިމް މީގެކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.