ރާއްޖެ މިހާރު ވެއްޓިފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތްވުމަށްޓަކައި، ދަރަނި އުފެއްދީ ކޮން ބައެއްތޯ ބެލުމުގެ ބަދަލުގައި އެންމެން ގުޅިގެން އަވަސް ހައްލެއް ހޯދުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވާއިރު، މިއީ ހަމައެކަނި ސަރުކާރަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ދައުލަތަށް ޑޮލަރުން އާމްދަނީ ލިބުނު ނަމަވެސް، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަމާމެދު ސަރުކާރުން އެހެން ފަރާތްތަކާއެކު މަޝްވަރާކޮށްގެން ހައްލެއް ނުހޯދައިފިނަމަ، ގައުމު ވަރަށް ހިތާމަވެރި ހާލަތަކަށް ހިނގައިދާނެކަމުގެ އިންޒާރު ދެއްވިއެވެ.
ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިއަދު ކިތަންމެ ވަރަކަށް ފަހަތަށް އެނބުރި ބެލިޔަސް އެކަން އޮތީ ވެފައި ކަމަށެވެ. އެހެންކަމުން ކުށްވެރިވާ ފަރާތެއް ހޯދުމުގެ ބަހުސަކަށް ދިއުމަކީ މިވަގުތު އެއްވެސް މުހިންމުކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ރައްޔިތުންނަށް އުޖާލާ އިގްތިސާދީ މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމުގެ ފުރިހަމަ ޤާބިލުކަން އެމްޑީޕީގައި ހުރިކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދަރަނި އެކި ސަރުކާރުތަކުގައި ވަނީ އެކި މިންވަރަށް އިތުރުވެފައެވެ. އެގޮތުން ރައީސް މައުމޫންގެ 30 އަހަރުގެ ދައުރު ނިމުނުއިރު 5.7 ބިލިއަން ރުފިޔާގައި އޮތް ދަރަނި، ރައީސް ނަޝީދުގެ ވެރިކަމުގައި 23 ބިލިއަނަށް އަރާފައިވެއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްލަ ދަރަނި 45 ބިލިއަނަށް އެރިއިރު، ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑަށް ދަރަނި އިތުރުވެގެންދިޔައީ ނިމިދިޔަ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ. އެ ދައުރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ކޮމެންޓު ފޮނުވާ