ބޮލީވުޑުގައި ވަރުގަދަ ތަރިއަކަށް ވާން ބޭނުންނަމަ ފުރަތަމަ ފިލްމު ސްްކްރީން ކުރެވެންދެން ސޯޝަލް މީޑިއާ އާއި ވީހާވެސް ދުރުގައި އުޅެން ޖެހޭކަމަށް ބުނެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ދަރިފުޅަށް ނަސޭހަތްތެރި ވެއްޖެއެވެ.
ސައިފް ބުނީ އޭނާގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑްގައި ނަންވިދާ އެކްޓަރަކަށް ވާން ބޭނުންނަމަ ސޯޝަލް މީޑިއާއަށް ވުރެ ސްކްރީނުން މީހުނަށް ފެނުން އިސްކަން ދިނުން މުހިންމުކަމަށެވެ. އިބްރާހީމަކީ މިވީހާތަނަށް ސޯޝަލް މީޑިއާގައި އެކްޓިވް މީހެކެވެ. އެގޮތުން އިންސްޓަގްރާމާއި، އިންޑިއާއިން ޓިކްޓޮކް ބޭން ނުކުރާއިރު އޭގައިވެސް އޭނާގެ ހަރަކާތްތައް ވަނީ ގިނަ ބަޔަކަށް ދައްކާލާފަ އެވެ.
އިބްރާހީމަކީ ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެކުދިންގެތެރެއިން ހަގުދަރިފުޅެވެ. ކޭދާރްނާތާއި ސިމްބާގެ އެކްޓްރެސް ސާރާ އަލީ ޚާންގެ ކޮއްކޮ އެވެ.
ސާރާ އަލީ ޚާން ވެސް ފިލްމީ ދާއިރާއަށް ނިކުމެފައިވާއިރު އެ ދެމީހުންގެ މަންމަ އަކީ 80 އާއި 90ގެ މަޝްހޫރު ތަރި އަމްރިތާ ސިންގް އެވެ. މީގެ އިތުރުން މާމަ ޝަރްމީލާ ޓެގޯރް، މަންމަ އަމްރިތާ ސިންގް ބޮޑުދައިތަ ސޯހާ އަލީ ޚާން އަދި ދޮންމަންމަ ކަރީނާ ކަޕޫރަކީ ފިލްމީ ދާއިރާގައި މަޝްހޫރު ނަންތަކެވެ. އިބްރާހިމް ފިލްމީ ދާއިރާއަށް ނުކުތުން އަދި ރަސްމީކޮށް ޢިއުލާން ކޮށްފައި ނެތަސް މުޅި އާއިލާ ނިސްބަތްވާ މި ދާއިރާއަށް އޭނާ ނުކުތުން އޮތީ ވަރަށް ގާތުގައެވެ.
ސައިފް މިގޮތަށް ވާހަކަ ދައްކާފައިވަނީ މުމްބާއީ މިރޯއަށް ދިން އިންޓަވިއުއެއްގަ އެވެ. މިސާލެއްގެ ގޮތުގައި ރިތިކް ރޯޝަންގެ ކެރިއަރ ދައްކަމުން ސައިފު ބުނެފައިވަނީ ރިތިކްވެސް ކުއްލިއަކަށް ބެލުންތެރިންނަށް ފެނިގެންދިޔައީ އޭނާގެ ފުރަތަމަ ފިލްމުން ކަމަށްވުން އެއީ ބެލުންތެރިން ވަރަށްބޮޑަށް ބަލައިގަތް ކަމެއްކަމަށެވެ. ސައިފްވެސް ބޭނުންވަނީ އޭނާގެ ފިރިހެން ދަރިފުޅު އެގޮތަށް ބެލުންތެރިންނަށް ތައާރަފްވާން ކަމަށްވެސް ސައިފް ބުނެފައިވެއެވެ.
ސައިފް މިހާރު ހުރީ "ބޫތު ޕޮލިސް"ގެ ޝޫޓިންގައި ހިމާޗަލް ޕުރަދޭޝްގައެވެ. އޭނާއާއި އެކު އަންހެނުން ކަރީނާ ކަޕޫރާއި ހަގު ދަރިފުޅު ތައިމޫރުވެސް ތިބީ ހިމާޗަލް ޕުރަދޭޝްގައެވެ. ސޫޓިންކުރިއަށް ގެންދަމުން އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރަމުންދާ މިދެމަފިރިންނަށް އިތުރު ދަރިއަކު ލިބުންވެސް އޮތީ ވަރަށް ގާތުގައެވެ. ކަރީނާ ކަޕޫރު ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ވަނީ ދާދިފަހުން އިޢުލާންކޮށްފަ އެވެ.