ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ކަމަށް އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހަޅާފައިވާކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.
"ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން ކުރިން ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން "ވަގުތު’އަށް ވިދާޅުވީ ލިސްޓަށް 800 ޝަކުވާ ލިބުނު ކަމަށާއި އަދި ގިނައީ ޝަކުވާއަކަށް ނުވާ ޝަކުވާތައް ކަމަށެވެ.
އޭނާ ވިދާޅުވީ ޝަކުވާތަކަށް ހަތް ދުވަސް ތެރޭ ޖަވާބު ދިނުމަށް ފަހު ވަރަށް އަވަހަށް ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށެވެ. މާލެ ސަރަހައްދުން ސަރުކާރުން ބަހާލާ ގޯތީގައި ދިވެހިރާއްޖޭގެ ރައްވެހިކަން ހޯދާފައިވާ ބިދޭސީންގެ ބަޔަކު އޮތް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރަން ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނަށް، "ގޯތި ލިބޭ" ކެޓަގަރީގައިވާ މީހުންނާ ގުޅިގެން ގޯތި ކަށަވަރު ކުރެވޭ ގޮތް ވެސް އޮތީ ހަދައިފައެވެ.
މާލެ ސަރަޙަށްދައް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން މާލޭ ސަރަޙައްދުން ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި ވަކިވަކި އެޕްލިކޭޝަނާއި ޖޮއިންޓް އެޕްލިކޭޝަންތަކުގެ ގޮތުގައި ޖުމްލަ 15164 ފޯމް ހުށަހަޅާފައިވެއެވެ. އެއީ 23088 މީހުނެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް ފްލެޓް ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.
ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ. ކޮމެޓީން ހިއްސާކުރެއްވި މަޢުލޫމާތައް ބަލާއިރު ބިންވެރިޔާ ސްކީމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވަނީ 2370 ފޯމެކެވެ. އެއީ ޖުމްލަ 3231 މީހެކެވެ.