ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ އެކި މުވައްސަސާތަކަށް އޮތް ނުފޫޒާއި، ބާރުވެރިކަން މިވެރިކަމުގައި އެކީ ކަނޑުވާލެވިއްޖެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިންގައި މިއަދު މ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް އައިސްފައިވާ ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭކަމަށާއި، އެކަން ހަނދާނަށް ގެންނަވަން ޖެހޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް ބެލިކަމުގައި ވީނަމަވެސް އެކަން އެނގޭ ކަމަށާއި، އަހަރަކަށް ކޮމިޝަނަރެއް އައްޔަންކުރި އިރު 7 ދުވަހުންވެސް އެކަންކަން ހިނގާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ފުލުހުންގެ މުއައްސަސާ އޭގެ ޒާތުގައި ހިނގަން ފުރުސަތު ދެއްވުން ކަމަށެވެ.
ހަމައެކަނި ފުލުހުންގެ މުވައްސަސާއަށް ބެލިޔަސް، ޕޮލިސް ކޮމިޝަނަރު ފަސް ކޮމިޝަނަރު ބަދަލުވެގެން ދިޔަ، އަހަރަކަށް މީހެއް، އަހަރަކަށް މީހަކު، ތަނެއް ހިންގާނީ ކިހިނެއްތޯ، ސިޔާސީ ބޭނުމަށް ވަކި މީހަކާ މެދު ވަކި ކަމެއް ކުރަން ބުނުމުން ގެއަށް، ދެން ހުންނަ މީހާ ލަނީ، މިގޮތަށް އެބަހުރި ގާތްގަނޑަކަށް ހަތް ދުވަހުގެ ތެރޭގައި ބަދަލުވެފައި.
– ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގެންނެވިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރިޔާޒެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ދެން އެ މަގާމަށް އައްޔަން ކުރީ ހުސައިން ވަހީދެވެ. އޭނާ އެ މަގާމުން ވަކިކޮށް ދެން އެ މަގާމަށް އައްޔަން ކުރީ އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފެވެ.
ފެބްރިއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް ނަވާޒް އައްޔަކޮށްފައެވެ.
ފުލުހުންނަކީ ތައުލީމާއި ތަމްރީނު ލިބިގެން ތިބި ބައެއް ނަމަވެސް އެގޮތުގައި އެކަން ހިންގުމުގެ ފުރުސަތު އޭރު ނުލިބުނު ކަމަށާއި އޮތީ ސިޔާސީ ނުފޫޒު ބާރާއި ވަދެ، ފޯވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ފުލުހުންގެ ހިދުމަތް އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުން ކަމަށާއި މިއަދު އެ ތަނުން ފެންނަ މަންޒަރު ތަފާތު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.