އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމުރު ދުވަހަށް މުސާރަ ޔަގީންކުރީ އެމްޑީޕީގައި ހުރެގެން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެ އުފެއްދި ދަ ޑިމޮކްރަޓިކާއި ގުޅި އެމްޑީޕީ ރޫޅާލާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. މޫސަ ވިދާޅުވީ އެމްޑީޕީ ކަމުނުގޮސް ޕާޓީން ވަކިވި ކޮންމެ ރައީސަކު އެމްޑީޕީގެ ޖަނާޒާ ބާއްވައި ޕާޓީ ރޫޅާލަން މަސައްކަތް ކުރިކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަން އެއްވެސް މީހަކަށް ކާމިޔާބު ނުވިކަމަށެވެ. އެމްޑީޕީއަކީ އެތައް ރައްޔިތުން އުފައްދާފައިވާ ޕާޓީއެއް ކަމަށާއި، ނަޝީދަށް އުމުރު ދުވަހު މުސާރަ ޔަގީންވެސް އެމްޑީޕީގައި ހުރެން ކަމަށެވެ.
އެމްޑީޕީގެ ޖަނާޒާވެސް ބޭއްވި ތަންކޮޅެއްކުރިން؟ އޭގެ ފަހުން އަދި ފާތިޙާ ދުވަހެއްވެސް ފާހަގައެއްނުކުރޭ. އެމްޑީޕީ ހަމަގަދަކޮށްމިއޮތީ؟ މީ ރައްޔަތުންގެ ގިނަބަޔަކު އުފެއްދި ޕާޓީއެއް. މީގެކެނޑުނު ކޮންމެ ރައީސަކު ޕާޓީއެއް އުފެއްދި. ފަނުފުލުންދިޔައީ. އުމުރުދުވަހަށް މުސާރަ ޔަޤީންވީ މިޕާޓީންނެއްނު.
– މޫސަ ވިދާޅުވިއެވެ.
ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ވަރަށް ކުރުކޮށް ދެއްކެވި ވާހަކަ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހުއެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީއެވެ.
ކޮމެންޓު ފޮނުވާ