މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓު ޑޯގައި މާލޭގެ ރައްޔިތުންގެ ފަރާތުން ލިބުނީ ހަމަ އެންމެ ސުވާލެއް ކަމަށާއި، އެއީ ސަރުކާރުން ނިންމަފައިވާ ގޮތަށް ގޯތި ލިބުނު ކަމަށް އިއުލާން ކުރި ލިސްޓަށް ގޯތި ލިބޭނެތޯ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މާލޭގައި ގަލޮޅު ދެކުނު ދާއިރާގައި ދޮރުންދޮރަށް މިއަދު ހިންގެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ހޯއްދެވުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ލިބެންދެން އެ ލިސްޓު ދަމަހައްޓާނެކަށެވެ. އަދި ގުޅިފަޅާއި، ގިރާވަރުފަޅުން އިތުރަށް ގޯތި ދެވޭނެ ޕްލޭން ރާވަމުންދާ އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018، ގައިވެސް އެންމެ ބޮޑަށް މާލެ ސަރަހައްދުން ފާހަގަ ކުރެވުނު، ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު، އެ ރައްޔިތުންގެ އާވެފައިވާކަން މިއަދު ހާމަވި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ރައްޔިތުން ކުރި ޝަކުވާއަކީ ގޯތި ނުލިބޭނެ ކަމުގައި ޝަކުވާ ކަމަށާއި، ނަމަވެސް މިހާރު އެކަމަށް ހައްލު ލިބިފައިވާކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ބައްދަލުވި ރައްޔިތުންގެ މިހާރު އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ ހަމަ އަސްލުވެސް ގޯތި ދޭނެތޯ އަހައި ކުރާ ސުވާލު ކަމަށެވެ.
އަދި އިއުލާނެއް ކޮށްލިއަސް، އަދިވެސް އެ ޝައްކު އޮންނަނީ، އެހެންނަމަވެސް އަޅުގަނޑު ހަމަ ޔަގީންކޮށް އެބޭފުޅުންނަށް ދެންނެވިން ލިސްޓުގައި ލިބޭނެ ކަމަށް އެއޮތް ހުރިހާ ބޭފުޅުންނަށް، ވަރަށް ވަރަށް ބޮޑު މައްސަލައެއް އޭގައި ނެތް ކަމުގައި ވަންޏާ އަޅުގަނޑުމެން [ގޯތި] ދޫކުރާނަމޭ.
– ރައީސް ސޯލިހު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ދޭ ގޯތީގެ ޢަދަދު އިތުރުކުރައްވައި، ގޯތި ލިބޭ އެންމެނަށް އެންމެ ލަސްވެގެން އަންނަމަހު ގޯތިތައް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމެވި ގޯތިތަކުގެ ޢަދަދު އިތުރުކުރުމަށް ނިންމެވިކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅިފަޅު އަދި ގިރާވަރުފަޅުން ޖުމްލަ 6200 ގޯތި ދޫކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ގުޅިފަޅުން 2000 ގޯތި، ގިރާވަރުފަޅުން 2000 ގޯތި އަދި ހުޅުމާލެފަޅުން 2200 ގޯއްޗެވެ. ސަރުކާރުން ކުރިން ނިންމަވާފައިވަނީ 5000 ގޯތި ދިނުމަށެވެ.